ކުޅިވަރު

ޗައިނާއިން ގުއާމް ކޮޅަށް 7 ލަނޑު ޖަހައިފި


ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޗައިނާއިން ގުއާމް ކޮޅަށް 7 ލަނޑު ޖަހައިފިއެވެ. ކޯވިޑް-19ގެ ސަބަބުން ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތައް ކުރިއަށްދަނީ ސެންޓްރަލައިޒްކޮށް ޗައިނާގައެވެ.

މިދެ ޓީމް ގުރޫޕް އޭގައި ބައްދަލުކުރި ފުރަތަމަ މެޗްގައިވެސް ޗައިނާއިން ވަނީ ގުއާމްކޮޅަށް 7 ލަނޑު ޖަހާފައެވެ. މިމެޗް ކުޅެފައިވަނީ ޗައިނާގެ ސޫޒޯގައެވެ. މިމެޗްގައި ޗައިނާގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޖިން ޖިންޑާއޯ އަދި ވޫ ޝީގެ އިތުރުން އެލްކެސެން ކޮންމެ ކުޅުންތެރިއަކު އެއް ގޯލް ޖަހާފައިވާއިރު، އެލަން ކަވާލިއޯ އާއި ވޫ ލެއިވަނީ ދެ ގޯލް ޖަހާފައެވެ. މިމެޗުން މޮޅުވުން ލިބުނު ތިން ޕޮއިންޓާއެކު ޗައިނާ އޮތީ ތާވަލްގެ ދެވަނައިގައި 10 ޕޮއިންޓާއެކުއެވެ. މިގުރޫޕްގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ސީރިޔައެވެ. ތިންވަނައިގައި 7 ޕޮއިންޓް ލިބިގެން އޮތީ ފިލިޕީންސްއެވެ. 6 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު ގުއާމް އޮތީ ގުރޫޕްގެ އެންމެ ފުލުގައެވެ. ގުއާމަށް 6 މެޗުން އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަންނަ މަހުގެ ތިންވަނަ ދުވަހު ޗައިނައިން ނިކުންނާނީ ރާއްޖެއާއި ދެކޮޅަށެވެ. ނަމަވެސް ޗައިނާއަށް ދިއުމުގައި އުދަގޫތަކެއް ހުރުމުން މިމެޗް ކުޅެވިދާނެކަމާއި މެދު މިހާރުވަނީ ސުވާލް އުފެދިފައެވެ. ޗައިނާއަށް ފުރުމުގެ ކުރިން ކޯވިޑް-19އަށް ހެދި ޓެސްޓާއެކު އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ)ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިދެ ކުޅުންތެރިން ވަނީ ޓީމާ އެކަހެރިވެފައެވެ.