2009ވަނަ އަހަރު ސްޓާރޕްލަސް އިން ދައްކަން ފެށި ޓީވީ ސީރިއަލް "ޔޭ ރިޝްތާ ކެއާ ކެހެލާތާހޭ" އިން ނެއިތިކް ގެ ރޯލުން މަޝްހޫރުވެގެންދިޔަ ތަރި ކަރަން މެހެރާ އަނބިމީހާއަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ކަރަންގެ އަންހެނުން ނިޝާ ރާވަލް ވަނީ މިމަހުގެ 31 ވަނަ ދުވަހު މުމްބާއީ ޝަހަރުގެ ގޮރެގައުން ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައެވެ. އަދި މި މައްސަލަ ރަޖިސްޓްރީކޮށް އެ ސްޓޭޝަނުން މިހާރު ދަނީ ކަރަންގެ ބަޔާން ނަގަމުން ކަމުގައި ޚަބަރުތައް ބުނެއެވެ. މި ދެމީހުންގެ ދެމެދުގައި އެކި ކަހަލަ މައްސަލަތައް ޖެހި ނިޝާއަށް ގެވށި އަނިޔާއާއި ކުރިމަތިލާން ޖެހުނު ނަމަވެސް މީ އޭނާ މި ފަދަ މައްސަލައެއް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.
މައްސަލަ ޕޮލިހަށް ހުށަހެޅީ ގޭތެރޭގައި ޖެހުނު މައްސަލައެއްގައި ކަރަން ނިޝާ ފާރަކާ ދިމާލަށް ކޮށްޕާލުމުން ފާރުގައި ބޯ ޖެހި ފަޅައިގެން ގޮސްފައިވާތީކަމަށް ޚަބަރުތައް ބުނެއެވެ. މި ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް މީގެކުރިންވެސް މީޑިއާއަށް ވަނީ ތިލަވަފެއެވެ. އެހެންނަމަވެސް މިވާހަކަތައް ބޮޑަށް ދެކެވެން ފަށާފައިމިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
މި ގޮތަށޤ ތިލަވީ ވާހަކަތަކާއި ގުޅޭ ގޮތުން ކަރަން މީގެކުރިންވެސް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި ނިޝާވެސް މިހާތަނަށް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
6 އަހަރު ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކަރަން އާއި ނިޝާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި މިހާރު ދެމީހުންގެ 8 އަހަރުގެ ފިރިހެން ދަރިއަކުވެސް ހުރެއެވެ. 2012 ވަނަ އަހަރު ސްޓާރޕްލަސް އިން ދެއްކި "ނަޗްބަލިޔޭ 5" ގައި ވެސް ނިޝާ އާއި ކަރަން ވަނީ ބައިވެރިވެފައެވެ.
ކަރަން ވަނީ އިންޑިއަން ޓެލެވިޒަންގެ ބައެއް މަޝްހޫރު ޝޯތަކުން ފެނިފައެވެ. މީގެތެރޭގައި ބިގް ބޮސްގެ ސީޒަން 10 ، ނަޗްބަލިޔޭ 5 އަދި ކިޗަން ޗެމްޕިއަން 5 ވެސް ހިމެނެއެވެ. އިންޑިއަން ޓެލެވިޒަންގެ އެންމެ ގިނަ ދުވަސްވީ ޝޯ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ކަރަން މަޝްހޫރުވެގެން ދިޔަ ކަރަން ވަނީ ޓީވީ ސީރީޒް "ސާތް ނިބާނާ ސާތިޔާ" ގައި ވެސް ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ބައެއް ޕަންޖާބު ޝޯތަކުންވެސް ކަރަން ފެނިގެންގޮސްފައިވެއެވެ.