ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބަލިކޮށް ސީރިޔާއިން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ގުރޫޕް އޭގައި 8 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މިމެޗަށް ނިކުތްއިރުވެސް ތާވަލްގެ އެއްވަނައިގައި އޮތީ ސީރިޔާއެވެ. މިމެޗް ސީރިޔާ ކާމިޔާބުކޮށްފައިވަނި 4 ލަނޑު 0 ލަނޑުންނެވެ.
މެޗް ފެށިގެން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ސިރިޔާއިންނެވެ. ގިނަ ވަގުތު ރާއްޖޭގެ ހާފް ތެރޭގައި ބޯޅަ އޮތްއިރު، ސިރިޔާއިން ފޮނުވާލި ގިނަ ހަލަމާތަކެއް ކޯލްކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. އަދި ސީރިޔާއިން އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ހަމަލާތައް ވަނީ ގައުމީ ޓީމްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ދިފާއުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ރާއްޖޭގެ ގައުމީ ޓީމްގެ ޑިފެންސްލައިނަށް ވަރަށް ބާރު ބޮޑުވެގެންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސީރިޔާއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މަހުމޫދު އަލްމަވާސްއަށެވެ. ކީޕަރު ފައިސަލް ކައިރިންވެސް ނައްޓާލާފައި މަހުމޫދު ވެއްޓެމުން ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ، ގޯލުގެ ރޮގުމަތިން ކަހަލަގޮތަކަށް ދިފާޢުކޮށްފައިވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއެވެ. މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ސީރިޔާއިންނެވެ. މިލަނޑު އެޓީމަށް މެޗްގެ 28ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފޯވާޑް މަހުމޫދު އަލްމަވާސްއެވެ. މެޗްގެ ދެވަނަ ލަނޑު ސިރިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމައަށް ލިބުނު ޕެނަލްޓީއަކުން އައިހަސް އޮސްމަންއެވެ. މިއީ މެޗްގެ 33ވަނަ މިނެޓްގައި ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ސިރިޔާގެ ކުޅުންތެރިއަކަށް ޕެނަލްޓީ އޭރިޔާގެ ތެރެއިން ކުރި ފައުލްއަކާއި ގުޅިގެން ރެފްރީދިން ޕެނަލްޓީއެކެވެ. މެޗްގެ ފުލުފުލުގައި ސިރިޔާއިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތު ކޮޅުގެ ތެރޭގައި ސަމޫހު ޢަލީ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ވަނީ ސީރިޔާއަށް ޕެނަލްޓީއެއް ދީފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަލްމަވާސްއެވެ. މެޗްގެ ފުރަތަމަ ހާފް ސީރިޔާއިން ނިންމާފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިގުރޫޕްގައި ސީރިއާ އާއި ދިވެހިރާއްޖެ ފުރަތަމަ ކުޅުނު މެޗުން ސީރިއާ މޮޅުވީ 2-1 އިންނެވެ. މެޗްގެ ދެވަނަ ހާފްގައި ވެސް ގިނައިރު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ސީރިޔާއިންނެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފާއި ހިލާފަށް، ދިވެހި ޓީމުން ވަނީ ބޮޅަ ކޮންޓްރޯލްކޮށްގެން ކުޅެވޭތޯ މަސައްކަތްކޮށްފައެވެ.
މެޗްގެ ހަތަރުވަނަ ލަނޑު ސީރިޔާއަށް ކާމިޔާބުކޮށްދިނީ ފޯވާޑް މަހުމޫދު އަލްމަވާސްއެވެ. މިލަނޑާއެކު އޭނާވަނީ މެޗްގައި ހެޓްރިކް ހަދާފައެވެ. މިއީ ރާއްޖޭގެ ޑިފެންޑަރު ސާއިފް ޢަލީ ސީރިޔާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ މިމެޗްގައި ސީރިޔާއަށް ލިބުނު 3ވަނަ ޕެނަލްޓީއެވެ.
މެޗްގެ 84ވަނަ މިނެޓްގައި އަލް އަޖާންއަށް ރެފްރީ ވަނީ ދެވަނަ ރިންޑޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. މިއީ ޕެނަލްޓީއެއް ހޯދުމަށް އަޖާން ވެއްޓިގަތްކަމަށް ބަލާފައި ރެފްރީން ދެއްކި ކާޑެކެވެ. އަޖާންއަށް ރަތް ކާޑް ދެއްކިފަހުން ވެސް ސީރިޔާއަށް ގޯލް ޖެހުމަށް ރަގަނަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ސީރިޔާގެ ކުޅުންތެރިން ފޮނުވާލި ބޯޅަ ގައުމީ ކެޕްޓަން އަކްރަމް ވަނީ ދިފާޢުކޮށްފައެވެ. މިމެޗް ސީރިޔާ ކާމިޔާބުކޮށްފައި ވަނީ 4 ލަނޑު 0 ލަނޑުންނެވެ.
ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު 6 މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކުއެވެ. 2 ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާއެކުއެވެ. 3 ވަނައިގައި އޮތް ފިލިޕީންސް އަށް 7 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ 4ވަނައިގައި ރާއްޖެ އޮތީ 6 ޕޮއިންޓާއެކުއެވެ. އެންމެ ފުލުގައި އޮތް ގުއާމް 6 މެޗު ކުޅުނެފައިވައިރު އަދި އެޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރާއްޖެ އާއި ސީރިއާ މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ. އޭގެ ތެރެއިން ރާއްޖެ މޮޅުވެފައިވަނީ 2012 ވަނަ އަހަރު އިންޑިއާގައި ބޭއްވި ނެހްރޫ ކަޕްގައި ކުޅުނު މެޗުންނެވެ. އެމެޗުން ރާއްޖެއިން ސީރިޔާގެ މައްޗަށް ކުރި ހޯދާފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.
އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 155 ގައެވެ. އަދި ސީރިއާ އޮތީ 79 ވަނައިގަ އެވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ދެން ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. މިމެޗް ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ ޓީމް ކުޅޭ ފަހު މެޗްގައި ނިކުންނާނީ މިމަހުގެ 15ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށެވެ.
ޙަނީ
ޢަބަދު ހަނގުރާމަ ކުރާ ތަންތަނުގެ މީހުން މާމޮޅެޢްނު!!