މުނިފޫހިފިލުވުން

ރާޖް ކަޕޫރުގެ ބަޔޯގްރަފީ ނެރުން ޑިސެމްބަރަށް


80 އާއި 90ގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ބޮލީވުޑްގެ ޑައިރެކްޓަރ ރާހުލް ރަވައިލް ނެރުމަށް ނިންމާފައިވާ އެކްޓަރ ރާޖް ކަޕޫރުގެ ބަޔޮގްރަފީ ރާޖް ކަޕޫރުގެ އުފަންދުވަހާއި ދިމާކޮށް ޑިސެމްބަރު 14 ގައި ނެރެން ނިންމައިފިއެވެ.

މި ފޮތުގެ މަސައްކަތް ރާހުލް ވަރަށް ކުރިން ފެށި ނަމަވެސް އަދި ވަނީ ޝާޢިއު ކުރެވޭގޮތްނުވެފައެވެ. "ރާޖް ކަޕޫރު- ދަ އިމްމޯޓަލް މާސްޓަރ އެޓް ވޯކް" ގެ ނަމުން ނަންދީފައިވާ މި ބަޔޮގްރަފީ ގައި ޕްރޮޑިއުސަރެއްގެ ގޮތުން ރާޖް ކަޕޫރު ކޮށްފައިވާ މަސައްކަތްތައް ކިޔާދީފައިވާނެކަމަށާއި އިންސާނާގެ އިޙްސާސްތަކާއި ކުޅެލެވޭ ކަހަލަ ފިލްމުތައް ހެދުމުގައި ރާޖް ކަޕޫރު މަޝްހޫރުވި ގޮތުގެ ވާހަކަތައްވެސް ހިމަނާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބަޔޯގްރަފީގެ މަސައްކަތް ފެށުމުގެ ކުރިން ރިޝީ ކަޕޫރާއި މި ވާހަކަ ޙިއްޞާކޮށްފައިވާ ކަމަށާއި ރިޝީވެސް އެކަމާއި ހިތްހަމަޖެހިފައިވާކަމަށް ރާހުލް ބުނެއެވެ. މީގެއިތުރުން ރަންދީރު ކަޕޫރު އަދި ކްރިޝްނާ ކަޕޫރާވެސް މި ވާހަކަތައް ޙިއްޞާކޮށްފައިވާނެކަމަށް ރާހުލް ބުނެފައިވެއެވެ.

ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ ލެޖެންޑްރީ އެކްޓަރ ރާޖް ކަޕޫރަކީ 1947 ން ފެށިގެން ހިންދީ ސިނަމާގައި މަސައްކަތްކުރަމުން އައި ހުނަރުވެރި އެކްޓަރެކެވެ. އަދި އޭނާވަނީ ފިލްމުތައް ޑައިރެކްޓްކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ފިލްމް ޕްރޮޑިއުސްވެސް ކޮށްފައެވެ. ރާޖް ކަޕޫރު އެންމެ ފުރަތަމަ މަޝްހޫރުވެގެންދިޔައީ ފިލްމު "ނީލް ކަމާލް" އިންނެވެ.

1946 ވަނަ އަހަރު ރާޖް ކަޕޫރުވަނީ ކްރިޝްނާ ކަޕޫރާއި ކައިވެނިކޮށްފައެވެ. މި ކައިވެންޏަށް 5 ކުދިން ވަނީ ލިބިފައިވެއެވެ. އެއީ އެކްޓަރ ރިޝީ ކަޕޫރު، ރަންދީރު ކަޕޫރު، ރާޖީވް ކަޕޫރު، ރީތޫ ނަންދާ އަދި ރިމާ ޖެއިން އެވެ. ރާޖްކަޕޫރަކީ ކަރިޝްމާ ކަޕޫރު، ކަރީނާ ކަޕޫރު އަދި ރަންބީރު ކަޕޫރުގެ ކާފައެވެ.

ފިލްމީ މަސަކަތްތަކެއް ކޮށް އެތައް އެވޯޑެއްވެސް ޙާޞިލްކޮށްފައިވާ ރާޖްކަޕޫރު މަރުވެފައިވަނީ ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ މަހެއްހާ ދުވަސްފަހުން 1988 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 63 އަހަރެވެ.