ގައުމީ ޓީމްގެ ތަރި އަލީ އަޝްފާގް ކޯވިޑް-19އަށް ނެގެޓިވްވިއަސް، ދުބާއީގައި ގައުމީ ޓީމް ކުރަމުންދާ ފަރިތަކުރުންތަކުގައި ބައިވެރިވެގޭ ގޮތެއް ނުވިއެވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަފް ޖޮއިންޓް ކޮލިފައިންގެ މެޗްތަކަށް ތައްޔާރުވުމަށް ގައުމީ ޓީމް ދަނީ ދުބާއީގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ޢަލީ އަޝްފާގް ކޯވިޑް-19އަށް ފައްސިވެފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ޗައިނާއަށް ފުރުމުގެ ކުރިން ހެދި ޓެސްޓަކުންނެވެ. އަދި އެއަށްފަހު ދަގަނޑޭ ވަނީ ޓީމާއި އެކަހެރިވެފައެވެ.
ސެޓްރަލައިޒްކޮށް ޗައިނާގައި މެޗްތައް ކުޅުމަށް ގައުމީ ޓީމް ފުރަން ތައްޔާރުވަމުން ދަނިކޮށް ރާއްޖޭ ހިމެނޭ ގުރޫޕް އޭގެ މެޗްތައް ދުބާއީއަށް ބަދަލު ކުރިއެވެ. މެޗްތައް ދުބާއީއަށް ބަދަލްކޮށްފައި ވަނީ ރާއްޖެ ހިމެނޭ ގޮތަށް ފިލިޕީންސް އަދި ސީރިޔާއަށް ޗައިނާއަށް ދިއުމުގައި ދަތިތަކެއް ހުރުމުންނެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ ކޯވިޑް-19އިން އެންމެ ފަހުން ކުރި ޓެސްޓުން ނަތީޖާ ނެގެޓިވް ވިކަމުގައި ވީނަމަވެސް، ދުބާއީގެ ޕްރޮޓޮކޯލް އޮތް ގޮތުން ކޯވިޑް-19ގެ ނަތީޖާ ނެގެޓިވް ވިކަމުގައިވީނަމަވެސް، 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހެއެވެ. އަދި އެއަށްފަހު ކޯވިޑް-19ގެ އިތުރު ޓެސްޓެއްވެސް ހަދަންޖެހެއެވެ. މިއާއެކު ދެން ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ދަގަނޑޭއަށް ބައިވެރިވެވޭނީ އެންމެ އަވަހަށްވެސް މިއަންނަ އަންގާރަ ދުވަހަށް ފަހުއެވެ.
4-0 ރާއްޖެ ސީރިޔާއާއި ކުޅެގެން ބަލިވި މެޗްގައިވެސް ދަގަނޑޭއަށް ނުކުޅެވުނީ ކޯވިޑުން ރަގަނޅު ވީކަމުގައިވީނަމަވެސް، 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހުމާއި ގުޅިގެންނެވެ. ސީރިޔާ މެޗު ގެއްލުނު ކަމުގައި ވީނަމަވެސް، ކުރިއަށް މިއަންނަ ހުކުރު ދުވަހު ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދަގަނޑޭގެ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވާނެއެވެ. އަދި އިތުރަށް ހަދާ ޓެސްޓުން ނެގެޓިވް ވެއްޖެކަމަށްވާނަމަ، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެއެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމް ކުޅޭ އެންމެ ފަހު މެޗްގައި މިމަހުގެ 15ވަނަ ދުވަހު ނިކުންނާނީ ފިލިޕީންސްއާއި ދެކޮޅަށެވެ.