ކުޅިވަރު

ލޯންގޭ ކޯވިޑް-19އަށް ފައްސިވެއްޖެ


ގައުމީ ވޮލީ ޓީމްއަށް 15 އަހަރު ކުޅެފައިވާ ތަޖްރިބާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ކޯވިޑް-19އަށް ފައްސިވެއްޖެއެވެ.

ދިވެހި ސިފައިންގެ ކުލަބް އަދި ގައުމީ ޓީމަށްވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ލޯންގޭ ކޯވިޑް-19އަށް ފައްސިވެފައިވާކަން އެނގުނީ އަލާމާތްތައް ފެންފަން ފެށުމުން ހެދި ޓެސްޓް ކުރުމުންނެވެ. އަހުމަދު ޢަބްދުލް ކަރީމް ބުނީ ވަރަށް ބޮޑަށް ގައިގައި ރިއްސާކަމަށާއި އަދި ހުންވެސް އަންނަކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ދެ ޑޯސްޖަހައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ލޯންގޭ ބުންޏެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ވެސް އަބަދުވެސް މާސްކް އެޅުމާއި ސެނިޓައިޒްކޮށް ސާފުތާހިރުކަން އިސްކުރުމަކީކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކަމަށް ލޯންގޭ ބުންޏެވެ.

15އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހު، ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނީ 2019ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން ގައުމީ ޓީމަށް ލޯންގޭ ކުޅެދީފައިވަނީ ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައެވެ. 34 އަހަރު ލޯންގޭއަށް ވަނީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިފައެވެ. ވ.ކެޔޮދު އަށް އުފަން ލޯންގޭ ވަނީ އެކި އުމުރުފުރާގެ ޖޫނިއަރ ޓީމުތަކަށްވެސް ކުޅެފައެވެ. އެންމެ ފުރަތަމަ ގައުމީ ސީނިއަރ ޓީމުން ލޯންގޭއަށް ފުރުސަތު ލިބުނީ 2004ވަނަ އަހަރުގެ ސާފް ގޭމްސްގައެވެ. ލޯންގޭ ވަނީ ގައުމީ ޓީމާއެކު 2 ރިހި މެޑަލާއި 2 ބްރޯންޒް މެޑަލް ހޯދައިފައެވެ.