ރިޕޯޓް

ކުޅިވަރު އެކަންޏެއް ނޫން، ދިވެހި ޚާޖީންގެވެސް ހިދުމަތްތެރިޔާ


އޭއީ މީގެ ތިންވަރަކަށް ދުވަސްކުރިއެވެ. އަޅުގަނޑުގެ ގާތް އެކުވެރިޔާއާއި ބައްދަލުވީ މަގުމަތިންނެވެ. ސަކަ މަޖާ މިޒާޖެއްގެ މި އެކުވެރިޔާއާއި ހިނިތުންވުމާއި އެކު އެދުވަހުވެސް ވިއްސަކަށް މިނެޓް އަޅުގަނޑާއި ވާހަކަ ދައްކަން ހުއްޓެވެ. އެދުވަހު ހުރީ ވަރަށް އުފަލުންނެވެ. ސަބަބަކީ އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު އެ އެކުވެރިޔާ އެންމެ ދާން ބޭނުންވާ ބިމަށް ދިޔުމުގެ ފުރުސަތެއް ލިބުނީތީ އެކަމުގެ އުފަލުގައެވެ. މަގުމަތިން އަޅުގަނޑު ފެނި ގޮވާ ހުއްޓުވާ އެދުނީވެސް އެންމެ ކަމަކުއެވެ. ސައުދީއަށް އެތެރެވާން ލިބުނު ފުރުސަތާއި އެކު އެ ޤައުމުން ބަލައި ގަންނަނީ ކޮން ވެކްސިނެއްތޯ ބަލާދިނުމަށެވެ. އަޅުގަނޑަކީ ނޫސްވެރިޔަކަށް ވުމުން މިކަން މާ އުނދަގޫކަމަކަށްވެސް ނުވިއެވެ. ރަހްމަތްތެރިޔާ އެދުނު ހުރިހާ މައުލޫމާތެއް އެކި ތަންތަނުން ހޯދާ އެއްކޮށް ވައިބަރ އިން މެސެޖް ކުރީމެވެ. ޖަވާބުގައި ޝުކުރާއި އެކު ފޮނުވާލީވެސް ހިނިތުންވުމެކެވެ.

މި މުއާމަލާތަށްފަހު ރޭ ދަންވަރު ހަތަރެއް ޖަހަނިކޮށް ލިބުނު ކޯލާއި އެކު މުޅި މީހާ ގަބުކޮށްލާ ސިހުން ގެނެވިއެވެ. ގަދަފަދަކޮށް ހުރި އަޅުގަނޑުގެ ގާތް އެކުވެރިޔާ ވަކިވެ ދިޔަ ވާހަކަ އެހެން އެކުވެރިޔަކު ގުޅާ ބުނުމުން ޤަބޫލުކުރަންވެސް ފުރަތަމަ އުނދަޤޫވިއެވެ.

އަޅުގަނޑާއި އެތައް ދިވެހިން ދަންނާ މާދިހު އިސްމާއިލް ނުވަތަ އާއްމު ނަމުންނަމަ މާޑު ގިނަ ބަޔަކަށް މަޝްހޫރުވެފައި އޮންނަނީ ދިވެހިރާއްޖޭގެ ކުޅިވަރަށް އެތަށް ހިދުމަތެއް ކޮށްދެމުން އައި ކުޅުންތެރިއެއްގެ ގޮތުގައެވެ. ޤިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދެވި މާދިހު ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުން ނެތް ދިމާލެއް ނެތެވެ. ޓީމުތަކުގައި ހިމެނުމުގެ އިތުރުން އަމިއްލަ ގޮތުންވެސް އެތައް ހިދުމަތްތަކެއް މާދިހު ވަނީ ކުޅިވަރަށް ކޮށްދެއްވާފައެވެ.

އެހެންނަމަވެސް މާދިހު ކުޅިވަރުގެ ހިދުމަތުގެ އިތުރުން މީވެސް އެތައް ދިވެހިންގެ ހިތުގައި މާދިހަށް ހާއްސަ ލޯތްބަކާއި ގަދަރެއް ދެވިފައިވާ ހިދުމަތެކެވެ. ރަސްމީ މަސައްކަތުގެ އިތުރުން މާދިހަކީ ދިވެހިން ޙައްޖާއި އުމްރާއަށް ގެންދާ ޖަމާއަތްތަކުގައި ނުހަނަު ގިނަ އަގު ނުކުރެވޭ އިހްލާސްތަރި މަސައްކަތްތަކެއް ކޮށްފައިވާ ހިދުމަތްތެރިއެކެވެ.

ކޮންމެ އަހަރެއްގެވެސް ދިވެހިން އުމްރާއަށްދާ މާރިޗާއި ޑިސެމްބަރު އުމްރާއާއި ޙައްޖަށް ދިވެހިން ގޮވައިގެން ގޮސް އެ މީހުންނަށް ހިދުމަތް ކުރުމުގައި އުޅުނު މާދިހު މި މަސައްކަތް ކޮށްފައިވަނީ އެއްވެސް އަގެއް ނެތި ހިލޭ ސާބަހަށެވެ. ރަސްމީ މަސައްކަތުން ކޮންމެ އަހަރަކު ތިން ފަހަރަށް މިކަމަށް ޗުއްޓީއެއް ނުލިބެއެވެ. އެހެންކަމުން ބާކީ ދުވަސްތައް މި މަސައްކަތުގައި ކޮންމެ އަހަރަކުވެސް އޭނާ ހޭދަކުރަނީ މުސާރަ ނުހިނގާ ގޮތަށް ވަޒީފާ އަދާކުރާ ފަރާތާއި އެއްބަސްވެ އެ ގޮތުގައެވެ. މީ މިކަމަށް އޭނާ އޮތް ލޯތްބެވެ.

2010 ވަނަ އަހަރުން ފެށިގެން މާދިހު އަންނަނީ ޙައްޖާއި އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން 4 ވަރަކަށް އަހަރު އަޅުގަނޑަށްވެސް މާދިހާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. ޙާޖީންނަށް ހިދުމަތް ކުރުމުގައި އުޅޭއިރު އެއްވެސް ވަރިބަލިކަމެއް ފޫހިކަމެއް އޭނާގެ މޫނުމަތިން ނުދެކެމެވެ. މީހަކު ގެއްލިގެން ގޮވާލިޔަސް އެއްޗެއް އުފުލާލަން ގޮވާލިޔަސް އެންމެ ކުރީގައި ހުންނާނީ މާދިހެވެ. ތަކުރާރުކޮށް އެއްދުވަހެއްގައި ކިތަންމެ ފަހަރަކު ގޮވާލިޔަސްވެސްމެއެވެ.

ޙާޖީންނަށް ހިދުމަތް ކުރުމުގައި އޭނާ ނުކުރާ އެއްވެސް ކަމެއް ނެތެވެ. މޭޒުމައްޗަށް ކާން ނަގާ ތަށި ދޮވެ ހަދަން ޖެހުނަސް ހެވެއެވެ. އަރަފާތުން މިނާއަށް ހިނގާފައި ކުރާ ދަތުރުގަައި ދުވަސްވީ މީހަކު ގޮވައިގެން 3 ގަޑިއަރަށް ވީލް ޗެއަރ ދުވަންވިޔަސް ހިނތުންވުމާއި އެކު އެމީހާއާއި ވާހަކަ ދައްކަމުން ޓީމުގެ އެންމެ ކުރީގައި އޭނާ ހުންނާނެއެވެ.

" މާދިހަކީ ހަޤީގަތުގައި ވަރަށް މީހުންނާއި ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެއް. ވަރަށް ބޮޑަށް ދީނީ ކަންކަމަށް ލޯބިކުރާ ބަރާބަރަށް ނަމާދުކުރާ މީހެއް. މީހުންނަށް ހިދުމަތްކޮށްދިނުމުގައި ފާހަގަކޮށްލެވޭ މީހެއް. އަޅުގަޑަށް މާދިހު ދަސްވީ ޙައްޖުގެ ތެރެއިން. މާދިހަކީ ޙައްޖާއި އުމްރާއަށް ދާ މީހުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއް. ޙައްޖު ނިމެނޭ އިރު އެ ޖަމާއަތުން ދާ މީހުންނަށް އެނާ ދީފައިވާ ހިދުމަތުން އެންމެނަކީ އޭނާގެ ގާތް އެކުވެރިންނަށް ވެފައި ތިބެނީ. އެނާ ދާ ޖަމާއަތަށްވެސް ހިދުމަތް ނުލިބޭ އެއްވެސް ދާއިރާއެއް ނޯވޭ. ކާ ތަށިމަތި ބަލަހައްޓަން ޖެހުނަސް ބާޒާރުކުރަން ޖެހުނަސް ހަމަ މާދިހުގެ މަސައްކަތް ފެނޭ. ގެއްލިގެން އެ ދިޔައީ ވަރަށް ގާތް ހިތް ހެޔޮ އަހެއް." ޙައްޖު ގްރޫޕެއްގެ އިސްވެރިއެއްކަމަށްވާ ޔައުޤޫބް ހުސެއިން ޔޫސުފް ވިދާޅުވިއެވެ.

2017ގެ ހަނދާނެއް އާކޮށްލާނަމެވެ. އަރާފާތު ދުވަހު ބަސް ލިބުމުގައި ދިމާވި މައްސަލަތަކާއި އެކު އެތައް ދިވެހިންނަށް އަރަފާތަށް ދިޔުމަށް ދަތިވިއެވެ. އެކަމާއި ހެދި ދިވެހިން އެކި ބަސްތަކަށް އަރައިގެން އައުމުން ރާއްޖެއަށް ހާއްސަ ޓެންޓްތަކަށް ނުދެވި އަރަފާތުގެ އެކި ހިސާބަށް ދިވެހިން ގެއްލުނެވެ. މިކަން ޖަމާއަތުން އެންގުމުން ދިވެހިން ހޯދަން އަޅުގަނޑުމެން ނުކުތީމެވެ. އޭރު އެއީ ހެނދުނު 10:30 އެވެ. ގެއްލުނު ޙާޖީންގެ އެންމެ ފަހު ޓިމު ފެނުނުނީ ހަވީރު 5:30 ވަނިކޮށެވެ. އެވީ ހަތް ގަޑިއިރުގެ ތެރޭގައި ދިވެހިން ހޯދުމަށް މަގުމަތީގައި ހިނގުން ނޫންކަމެއް ނުކުރަމެވެ. އެއްވެސް އެއްޗެއް ކާންވެސް މަޑެއް ނުކުރެއެވެ. މަގުމަތިން ބަހާ ބުއިމެއް ބޯލައިގެން އަނެއްކާވެސް ހިނގައި ގަންނަނީއެވެ. އެޔޮއް ހޫނުގައިވެސް މާދިހުގެ މޫނުމަތިން އެއްވެސް ވަރުބަލިކަމެއް ނުފެނުނެވެ. އަދި އެނާގެ މި ހިތްވަރު ފެނި އަޅުގަނޑުމެނަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.

ޙައްޖާޖީންނާވެސް މަޖާކުރާ މާދިހު އެމީހުންނަށް ހިދުމަތްކުރުމުގައި އުޅޭއިރު ފާހަގަވާ އެހެންކަމެއްވެސް ބުނެލާނަމެވެ. ކޮންމެ ކަމެއް ކުރިޔަށް އަބަދުވެސް ދީނީ މެސެޖެއް ނުވަތަ ރަނގަޅު ނަސޭހަތެއް އަބަދުވެސް ދޫކޮށްލާނެއެވެ. މީގެތެރެއިން އެންމެ ހަނދާނަށް އަންނަ އެ މެސެޖަކީ ކާން ނެގުމަށްފަހު ޚާޖީން ކާން އައުމުން އެނާ އަބަދުވެސް ދޭ މެސެޖެވެ. އަބަދުވެސް ބުނާނެއެވެ. ބަނޑުފުރަންޖެހޭ ވަރަށް ރަނގަޅަށް ކާށެވެ. ބޭނުންވާ ވަރަށް އަޅާށެވެ. ހިތްހަމަޖެހިގެން ކައިގެން ނުކުންނާށެވެ. އެކަމަކުވެސް ނުކެވޭ ވަރަށް އަޅާ އިސްރާފު އެކަކުވެސް ނުކުރައްޗެވެ. މީ ކޮންމެ ދުވަހަކުވެސް އިވޭ މެސެޖެއެކެވެ. ކޮންމެ މަސައްކަތެއްގައިވެސް މިކަހަލަ ނަސޭހަތެއް އޭނާ ދޫކޮށްލާނެއެވެ.

ދިވެހިންގެ ތެރެއިން ޙައްޖަށް ދިޔަ ގިނަ ޙާޖީންނަށް މާދިހު އިސްމާއިލްގެ ނަމާއި އޭނާގެ ސަކަ މިޒާޖާއި އެ އުފާވެރި ހިނިތުންވުން ހަނދާނުން ނުފިލާނެކަން ޔަޤީންނެވެ. ރޭގެ މާދިހުގެ ވަކިވުމުގެ ހަބަރާއި ގުޅިގެން އަޅުގަނޑަށް އައި ކޮންމެ ކޯލެއްގައިވެސް އެންމެން ދެއްކީ މާދިހުގެ ގާތްކަމާއި އެ ހިނިތުންވުމުގެ ވާހަކައެވެ.

ޙައްޖުގެ އިތުރުންވެސް މާދިހު ވަނީ ދީނީ އެހެންކަންކަމުގައިވެސް މި ނަމޫނާ ދައްކާފައެވެ. މީގެތެރެއިންވެސް ކޮންމެ ރޯދަމަހެއްގައި ވިޔަފާރިވެރިން ފެންނަ މޫނުތަކުގެ ތެރޭގައި މާދިހު ހުންނާނެއެވެ. ރޯދަވެރިންނަށް ރޯދަ ވީއްލުން ތައްޔާރުކޮށްދިނުމުގައި އެއްދުވަސްވެސް އޭނާ ދޫކޮށް ނުލައެވެ.

ކުޅިވަރުގެ ރޮނގުގެ އިތުރުން އެނާ ވަނީ ދީނީ ގޮތުން ހިދުމަތްކުރުމުގައިވެސް މިސާލު ދައްކާ އެތައް ބައެއްގެ ހިތުން ޖާގަ ހޯދާފައެވެ. މިއަދު އަޅުގަނޑުމެންގެ ހިތް ހެޔޮ މި އެކުވެރިޔާ މިވަނީ ވަކިވެގެން ގޮސްފައެވެ. ހަމައެކަނި ކޮށްދެވެން އޮތް ކަމަކީ މި އެކުވެރިޔާއަށް ހެޔޮ ދުއާކޮށްދިނުމެވެ.

މާތްﷲ، މަރްޙޫމް މާދިހު އިސްމާއިލްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.

ޙައްވާ އިސްމާޢީލް

މާދިހުގެ ވާހަކަ އަޑު އަހާފަ އަންތަރީސް ވެއްޖެ އަދި ވަރަށް ދެރަވެއްޖެ ނަމަވެސް އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް