ކޯވިޑް-19

ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ސިގެއްލާގައި މަރުވި މީހުންނާއި އެއްވަރު


ކޯވިޑް-19އަކީ ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ބަލިމަޑުކަމެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި މި ބަލީގެ ނުރައްކާ ބޮޑުވެ، ސީދާގޮތުންނާއި ނުސީދާގޮތުން މިކަމުގެ އަސަރު ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދަށާއި، އާއްމު ދިރިއުޅުމަށް މިވަނީ ކުރަން ފަށާފައެވެ.

ތާރީޚަށް ބަލާލާއިރު މިފަދަ އެތައް "ޕެންޑަމިކް"އަކާއި ދުނިޔެއިން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހޮންގްކޮންގް ފްލޫ، ބިއުބޭނިކް ޕްލޭގް، ސްމޯލްޕޮކްސް، ކޮލެރާ، އަދި އިންފްލުއެންޒާ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. މުޅި ދުނިޔެއަށް ފެތުރިގަނެގެން ދިޔަ މި ބަލިތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިގެންގޮސްފައިވެއެވެ. މިހާރު ފެތުރެމުންދާ ކޯވިޑް ބަލި 176 މިލިއަނަށްވުރެ ގިނަ މީހުންގެ ގައިން ފެނިފައިވާއިރު، މި ބަލީގައި ދުނިޔެއިން 3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ލިޔެވިފައިވާ މާ ދިގު ތާރީޚެއް ދިވެހިރާއްޖޭގައި ނެތް ނަމަވެސް މިފަދަ ބައެއް ބަލިތައް ރާއްޖޭގައިވެސް ވަނީ ފެތުރިފައެވެ. ކޯވިޑްގެ އިތުރުން ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރިފައިވަނީ 70 ގެ އަހަރުތަކުގައި ފެތުރިގެންދިޔަ ކޮލެރާއާއި ސިގެއްލާއާއެވެ. އެގޮތުން 1978 ގައި ދުނިޔޭގައި ކޮރެލާ އެންމެ ހަލުވިކަމާއެކު ފެތުރިގެންދިޔަ ދުވަސްވަރު، ރާއްޖޭން 11303 މީހެއްގެ ގައިން އެ ބަލި ފެނިފައިވެއެވެ. އަދި އޭގެ ތެރެއިން 252 މީހަކު ނިޔާވިއެވެ. ރާއްޖޭގެ 119 ރަށަކުން މި ބަލި ފެނިފައިވެއެވެ. ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް "ކުއްލި ހާލަތު" އިޢުލާނު ކުރުމުގެ ބާރުގެ ދަށުން، އެ ހާލަތު އޭރު ވަނީ އިޢުލާނުކޮށްފައެވެ.

ދެން އެންމެ ހަލުވިކަމާއެކު ރާއްޖޭގައި ފެތުރިގެންދިޔަ އަނެއް ބައްޔަކީ ސިގެއްލާއެވެ. 1982 ވަނަ އަހަރު ރާއްޖޭން 13752 މީހަކަށް ސިގެއްލާ ޖެހުނުއިރު، 197 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މާލެއާއި އަތޮޅުތަކުގައި ހަލުވިކަމާއެކު ސިގެއްލާ ފެތުރެން ފެށުމުން، ރޯގާގެ ކަންކަމަށް ޚާއްސަކޮށްގެން މައި މަރުކަޒެއްގެގޮތުގައި ބޭނުންކޮށްފައިވަނީ މިހާރު ދާރުލްއާސާރު ހުރި ބިމެވެ. ސިގެއްލާ ރޯގާ ފެތުރެން ފެށުމުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި ވަލުތެރެއަށް ޤަޟާޙާޖާކުރުން ހުއްޓުވުން ހިމެނެއެވެ. ކޮލެރާގެ ދުވަސްވަރުވެސް މިކަން މަނާކުރިއެވެ. މީގެ އިތުރުން މާލޭގައި ލޮނުމަސް އަވީލުމާއި، ބަކަރި ގެންގުޅުން މަނާކުރުންފަދަ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.

ސިގެއްލާ ނޫންވެސް ރޯގާގެ ބަލިމަޑުކަން ރާއްޖެއަށް އެކި ދުވަސްވަރު މަތިން އައިސްފައިވެއެވެ. އެގޮތުން 1947 ވަނަ އަހަރު މާލޭގައި އިންފުލުއެންޒާ ފެތުރިގެންދިޔައިރު، މި ރޯގާ މާލޭގެ 3800 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. އަދި 1959 ގައި މުޅި ރާއްޖޭގައި ފެތުރިގެންދިޔަ ‏ގަދަހުމާއި ހޮޑުލުމުގެ ރޯގާއެއްގެ ސަބަބުން 9000 މީހުން ބަލިވެ، 9 ދުވަސްވަންދެން ސަރުކާރު ބަންދުކުރަންޖެހުނެވެ. މިއީ ރާއްޖޭގެ ތާރީޚުން އެނގެންހުރި ބައެއް މަދު ޙާދިސާތަކެވެ.

ކޯވިޑްގެ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާލާއިރު، ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު މިވަނީ 70،000 އަށްވުރެ މައްޗަށް އަރާފައެވެ. 11،000 އަށްވުރެ ގިނަ މީހުން މިވަގުތުވެސް ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ބަލީގައި ނިޔާވި މީހުން ޢަދަދު ވަނީ 197 އަށް އަރާފައެވެ. މިއީ ސިގެއްލާ ޖެހިގެން ރާއްޖޭން ނިޔާވި މީހުންނާއި އެއް ޢަދަދެކެވެ. ސިގެއްލާ މުޅި ރާއްޖެއަށް ފެތުރި، މާލެއާއި އަތޮޅުތަކުން 197 މީހުން ނިޔާވެފައިވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައެވެ. އޭރު ރާއްޖޭގައި ޞިއްޙީ ފަރުވާގެ ކަންކަން ހުރިގޮތުން މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ކޯވިޑް ބަލިމަޑުކަމުގެ ރާއްޖޭގެ ޢަދަދުތަކަކީ މިއީ މި ބަލިމަޑުކަމުގައި މުޅި ދުނިޔެ އުޅޭތާ އަހަރަކާއި 6 ވަރަކަށް މަސްދުވަހުގެ ތަފާސް ހިސާބުތަކެވެ. ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް ފެތުރެން ފެށުމާއެކު ރާއްޖޭގައި ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަން ފަށާފައެވެ. އަދި ހަމައެހެންމެ ކޯވިޑް ވެކްސިނާއެކު ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް މިވަނީ ލިބިފައެވެ.

ކޯވިޑާއެކު ރާއްޖޭން ހޭދަކުރި މި 15 ވަރަކަށް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެމަހު އެކަނިވެސް 34،500 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، 88 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި ބަލީގައި ބޮޑުވަރުވެ ނިޔާވި ގިނަ މީހުންނަކީ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދި މީހުންނެވެ. ނިޔާވި މީހުންގެ %80 އަކީ މިގޮތަށް ދާއިމީ ކޮންމެވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނެވެ. އެގޮތުން ދާއިމީ އެއް ބަލި ތަޙައްމަލް ކުރި މީހުންނާއި އެއްފަހަރާ 5 ބާވަތުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައިން ނިޔާވެފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ނިޔާވީ 100 އަހަރުގެ މީހެކެވެ. އަދި އެންމެ ހަގު ޢުމުރުގެ ކުއްޖަކަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މެއިމަހުގެ ފަހުކޮޅު ރާއްޖޭގައި ކޯވިޑް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ވަނީ %31 އިންސައްތައަށް އަރާފައެވެ. ކޯވިޑްގެ 4 ވަނަ ރާޅާއެކު ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މެއިމަހުގެ ފަހުކޮޅުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިއާއެކު ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ކޮންމެވެސް ވަރަކަށް މިވަނީ ދަށްވާން ފަށާފައެވެ. މެއިމަހުގެ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ ޢަދަދުތައް އެވަރެޖްކޮށް 1000 މަތީގައި ހުރުމަށްފަހު މިހާރު މި ޢަދަދު ވަނީ 500 އިން ދަށްވެފައެވެ.