ދެކުނު އެމެރިކާގެ ޤައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ފުރަތަމަ މެޗް އެންމެފަހުގެ ޗެމްޕިއަން ބްރެޒިލް ކާމިޔާބުކޮށްފިއެވެ. ކޯވިޑް-19 ގެ ސަބަބުން އެއް އަހަރަށް ފަސް ކޮށްފައިވާ މިމުބާރާތުގެ ފުރަތަމަ މެޗް ބްރެޒިލް ކާމިޔާބުކުރީ ވެނެޒުއޭލާ އާއި ބައްދަލުކޮށް 3 ލަނޑު ސުންލަނޑުންނެވެ.
މިމެޗާއި ކުރިމަތިލީއިރު ވެނެޒުއޭލާ ޓީމަށް އޮތީ ކޯވިޑް-19 ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. މިގޮތުން އެޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންގެ ތެރެއިން 12 ފަރާތަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައިދިނީ ޑިފެންޑަރ މާކީނިއޯސްއެވެ. ދެވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި ޖަހައިދިނީ ގެބްރިއެލް ބާބޯސާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބްރެޒިލްއަށް ލިބިގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރަތުގައި ރޭ ކޮލަމްބިއާ އިން ވަނީ 1 ލަނޑު 0 ލަނޑުން އެކުއެޑޯ ބަލިކޮށްފައެވެ.
ދެ ގްރޫޕަކަށް 10 ޓީމު ބަހާލައިގެން ކުޅެމުންދާ މިމުބާރާތުގެ ގްރޫޕް ބީގައި ރޭ ކުޅުނު ދެވަނަ މެޗް އެކުއެޑޯއާއި ބައްދަލުކޮށް އެއްލަނޑު ސުންލަނޑުން ކޮލަމްބިއާ ވަނީ ކާމިޔާބުކޮށްފައެވެ. މިމުބާރާތުގައި މިރޭ ކުޅެވޭނީ ގްރޫޕް އޭގެ ދެމެޗެވެ. މިގޮތުން ފުރަތަމަ މެޗްގައި އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރާއިރު ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕެރަގުއާއީ އާއި ބޮލީވިއާއެވެ.