މުނިފޫހިފިލުވުން

"އޯމް" އަށްފަހު އަދިތްޔާގެ އަނެއްކާވެސް އަޙުމަދު ޚާނާއި އެކު


މިއަހަރުގެ މެދުތެރޭގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އަޙުމަދު ޚާން ޕްރޮޑިއުސް ކުރާ އެކްޝަން ތްރިލަރ ފިލްމު "އޯމް: ދަ ބެޓްލް ވިތް އިން" އަށް ފަހު އެކްޓަރ އަދިތްޔާ ރޯއީ އަނެއްކާވެސް އެކުގައި މަސައްކަތް ކުރަން ތައްޔާރުވެއްޖެއެވެ.

މީ ކޮން ފިލްމެއްކަން އަދި ތިލަ ނުވިނަމަވެސް އަޙުމަދު ޚާން ޕްރޮޑިއުސް ކުރާ މި ފިލުމުގައިވެސް އަދިތްޔާ ރޯއީ ބޭނުންކުރުމަށް އެނާއާއި އަންނަނީ ވާހަކަދެކެވުމުންނެވެ. ދެމީހުންވެސް އެކުގައި މަސައްކަތް ކޮށްފައިހުރުމުން މަސައްކަތާއި މެދު ހިތްހަމަޖެހޭކަން ފާހަގަކޮށް މި ފިލްމުިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކަޕިލް ވަރުމާ ޑައިރެކްޓްކުރާ ފިލްމު "އޯމް:ދަ ބެޓްލް ވިތް އިން" ގައި މީގެކުރިން އަދިތްޔާގެ ފަރާތުން ނުފެންނަ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނާނެކަަމަށްވެއެވެ. އަދި ސީންތަކަށް ތައްޔާރުވުމުގެ ގޮތުން އަދިތްޔާ މިހާރު ޖިމް ޓެރެއިނިންތައް ފަށާފާފައިވާކަމަށްވެސް ވެއެވެ. އަދި މިދުވަސްކޮޅު އިންޑިއާ ފުރަބަންދުކޮށްފައިވާތީ އަދިތްޔާ ޖިމް ޖައްސަނީ އޭނާގެ އަމިއްލަ ގޭގައެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި މި ފިލްމުގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ. އެހެންނަމަވެސް އެންމެ އަވަހަށް ދޭ ލުއިތަކާއި އެކު ފިލްމުގެ ނުނިމިހުރި މަންޒަރުތައް ނެގުމަށް ތުރުކީއަށް ފުރުމަށް ފިލްމުގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.

އަދިތްޔާ އާއެކު މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ 2017 ގައ ދެއްކި "ހިންދީ މީޑިއަމް" ގައި ސަޕޯޓިން ރޯލުން ފެނިގެންދިޔަ އަދި މިދިޔަ އަހަރު ދެއްކި "ދިލް ބޭޗާރާ" ގެ ބަޠަލާ ސަންޖަނާ ސަންގީ އެވެ.

2013 ވަނަ އަހަރު ދެއްކި "އާޝިޤީ 2" ން މަޝްހޫރުވި އަދިތްޔާ ރޯއި ކަޕޫރުގެ އެންމެ ފުރަތަމަ ފިލްމީ މަސައްކަތަކީ 2009 ވަނަ އަހަރު ދެއްކި ކޮމެޑީ ޑްރާމާ "ލަންޑަން ޑްރީމްސް" އެވެ. "އެކްޝަން ރިޕްލޭ" "ގުޒާރިޝް" "ފިތޫރު" "ކަލަންކް" "މަލަންގް" އަދި "އޯކޭ ޖަނޫ" އިން އަދިތްޔާ ވަނީ ފެނިގެން ގޮސްފައެވެ. އަދިތްޔާ ރޯއި ކަޕޫރަކީ ޕްރޮޑިއުސަރ ސިދާރތް ރޯއީ ކަޕޫރު އަދި އެކްޓަރ ކުނާލު ރޯއި ކަޕޫރުގެ ކޮއްކޮއެވެ.