ރަޝިޔާގެ ޕީޓަސްބާރގްގެ އޮފިޝަލުން ކޯވިޑް-19އާއި ގުޅިގެން އެސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ރަޝީޔާއިންވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތައް އެހެން ގައުމްތަކުން ސްޕޯޓަރުން އައުމަށް ހުއްދަދީފައެވެ.
ޕީޓަސްބާރގްގެ އޮފިޝަލުން އެސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަދުގަދަކޮށްފައިވަނީ ރަޝިޔާގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ޕީޓަސްބާރގްގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ހަތް މެޗާއި ކުއަޓަރ ފައިނަލްގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއެޅި ފިޔަވަޅުތަކާއިއެކު ދަނޑަށް ވަދެވޭނީ ދަނޑުގެ ޖާގައިގެ 50 އިންސަތަ މީހުންނަށެވެ. ދަނޑަށް މެޗު ބަލަން ވަންނަ ކޮންމެ މީހަކުވެސް މާސް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި ދަނޑުގެ ކޮންމެ ގޭޓަކުންވެސް މާސްކު ލިބެން ހުންނަން ޖެހޭއެވެ.
ރަޝިޔާގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ގިނަ އޮފިޝަލުންވަނީ ފުޑް ކޯޓުތަކާއި ރެސްޓޯރަންޓްތައް ބަންދުކުރުމަށް ނިންމާފައެވެ. ނަމަވެސް މެންދުރު ދޭކުން ފެށިގެން ހަވީރު 6 ޖެހުމާއި ހަމައަށް ފުޑް ކޯޓުތަކާއި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ ހުއްދަ ދީފައެވެ. އަދި އެއްފަހަރާއި ޚިދުމަތް ދެވޭނީ ވަރަށް މަދު މީހުންނަށް ކަމަށްވަނީ އަންގާފައެވެ. މިދިޔަ ހޯމަ ދުވަހު އެކަނިވެސް ޕީޓަސްބާރގުން ވަނީ 865 މީހުން ކޯވިޑް-19އަށް ފައްސިވެފައެވެ.
މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސެއިންޓް ޕީޓަސްބާރގް ސްޓޭޑިއަމްގައި މިމަހުގެ 12ވަނަ ދުވަހު ވަނީ ބެލްޖިމް އާއި ރަޝިޔާގެ މެޗް ކުޅެފައެވެ. އިއްޔެ ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗްގެ އިތުރުން މާދަމާ ފިންލެންޑާއި ރަޝިޔާ ބައްދަލުކުރާ މެޗާއި މިމަހުގެ 18ވަނަ ދުވަހު ސްވިޑަން އާއި ސްލޮވާކިޔާ މެޗްގެ އިތުރުން 21ވަނަ ދުވަހު ފިންލެންޑާއި ބެލްޖިއަމް، 23ވަނަ ދުވަހު ސްވިޑެން އާއި ޕޮލެންޑް އަދި އަންނަ މަހުގެ 21ވަނަ ދުވަހު ކުއަޓަރ ފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ޕީޓަސްބާރގްގައެވެ.