ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި ފިލިޕީންސާއި އެއްވަރުކޮށް، އޭޝިއަން ކަޕްގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ރާއްޖެ ފުރުސަތު ހޯދައިފިއެވެ.
މިރޭގެ މެޗުން ރާއްޖެ މޮޅުވިނަމަ، އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގައެއް ލިބުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މިމެޗް އެއްވަރު ވުމާއި ގުޅިގެން ރާއްޖެއަށް ވަނީ އޭޝިއަން ކަޕް ޕްލޭ އޯފްގެ ފުރުސަތު ލިބިފައެވެ. ޕްލޭ އޯފްގައި ރާއްޖެ ވާދަކުރަންޖެހޭނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް މިކުޅުނު ގުރޫޕް ސްޓޭޖްގެ މެޗްތަކުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ ވެސް 4ވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ބައެއް ޓީމުތަކާއި އަދި އެންމެ ފުލަށްދިޔަ ބައެއް ޓީމުތަކާ ދެކޮޅަށެވެ.
ރާއްޖޭގެ ހިމެނޭ ގުރޫޕް އޭގެ އެއްވަނަ ހޯދައިގެން ސީރިއާވަނީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. 7 މެޗުން 16 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ދެވަނާގައި އޮތީ ޗައިޔާއެވެ. އަދި 11 ޕޮއިންޓާއެކު ފިލިޕީންސް އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. ރާއްޖެ 4ވަނާގައި އޮތްއިރު، ގުރޫޕްގެ އެންމެ ފުލުގައި އޮތީ އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި ގުއާމެވެ.
ޕިލިފީންސާއި ރާއްޖެ ބައްދަލުކުރި މެޗްގެ ފުރަތަމަ 10 މިނެޓްގައި ރާއްޖެއިން ވަނީ މޮޅަށް ކުޅެފައެވެ. މި10 މިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ގޯލް ޖެހުމަށް 3 ފުރުސަތެއް ހޯދާފައެވެ. ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލް ކޮށްލެވޭ ގޮތެއްނުވިއެވެ. ރާއްޖެއިން މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި މޮޅަށް ކުޅުނު ނަމަވެސް މެޗްގެ ލީޑް އެންމެ ފުރަތަމަ ނެގީ ޕިލިޕީންސެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 18ވަނަ މިނެޓްގައި އެންހެލް ގިރާލްޑޯއެވެ. ގޯލް ކުރިމަތީގައި ބައުންސްވެގެންދިޔަ މިބޯޅަ ގޯލް ތެރެއަށް ވަނީ ކީޕަރު މުހައްމަދު ފައިސަލްގެ އަތުގައި ޖެހިފައެވެ.
ޕިލިޕީންސްއިން ލީޑް ނެގުމާއެކު އިތުރު ހިތްވަރެއް ލައިގެން ރާއްޖެއިން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 25ވަނަ މިނެޓްގައި ރާއްޖެއިން ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ)އެވެ. މިލަނޑަށްފަހު ވެސް ސެންޓޭއަށް ގޯލެއް ޖެހުމަށް ރަގގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗްގެ ދެވަނަ ހާފްގައި ޕިލިޕީންސްއިން ކުޅުން ރަގަނޅުކޮށް ލީޑު ނެގޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސަށް ކުޅެމުންދިޔަ ކުޅުންތެރިން ވަނީ ޕިލިޕީންސްގެ ހަމަލާތައް ވަރަށް ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި ޢަލީ އަޝްފާގު ވަނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.
ސެންޓްރަލައިޒްކޮށް ދުބާއީގައި މެޗްތަށް ކުޅުމަށް ނިންމާ، ދުބާއީގައި ރާއްޖޭގެ ޓީމުން ޗައިނާ އަދި ސީރިޔާއާއި ދެކޮޅަށް ކުޅުނު މެޗްއަށް ވުރެއް މޮޅަށް މިމެޗްގައި ކުޅެފައިވެއެވެ.
މިހާރުގެ ގައުމީ ކޯޗް މާޓިން ކޫޕްމަންގެ ކޯޗްކަމުގެ ދަށުން މިއީ ރާއްޖޭގެ ޓީމުން ޖެހި ފުރަތަމަ ގޯލެވެ.