ކުޅިވަރު

ރޮނާލްޑޯގެ ރެކޯޑްތަކަކާއެކު ޗެންޕިއަން ޕޯޗުގަލް މޮޅަކުން މުބާރާތް ފަށައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން މިރޭ ހަންގޭރީގެ މައްޗަށް ކުރި ހޯދިއިރުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑްތަކެއް ގާއިމްކޮށްފިއެވެ.

3 ލަނޑު 0 ލަނޑު ޕޯޖުގަލްއިން މިމެޗް ކާމިޔާބުކުރިއިރުގައި ރޮނާލްޑޯ ވަނީ 2 ލަނޑުޖަހާފައެވެ. މި ދެ ގޯލާއެކު ރޮނާލްޑޯ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެ ރެކޯޑެއް ހަދާފައެވެ. ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންޔާގެ ރެކޯޑްގެ އިތުރުން ޔޫރޯގައި އެންމެ ގިނަ މެޗް ކުޅެފައިވާ ކުޅުންތެރިޔާގެ ރެކޯޑްވެސް މިވަގުތު އޮތީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯގެ އަތުގައެވެ. މީގެ ކުރިން ފްރާންސްގެ ގައުމީ ޓީމްގެ މިޝެއިލް ޕްލެޓީނީ ވަނީ ޔޫރޯގައި ނުވަ ގޯލް ޖަހާފައެވެ. ޕްލެޓީނީ މިރެކޯޑް ރޮނާލްޑޯ މުގުރާލާފައިވާއިރު، ރޮނާލްޑޯ ވަނީ ޔޫރޯގައި 11 ގޯލް ޖަހާފައެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ މިހާތަނަށް ވަނީ 5 ޔޫރޯގައި ކުޅެފައެވެ.

މިމެޗްގައި އެންމެ ފަހު ޗެންޕިއަން ޕޯޗުގަލްއަށް މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ލަނޑު ޖަހާނެ ރަގަނޅު ފުރުސަތެއް ލިބުނެވެ. އެގޮތުން މެޗްގެ 19ވަނަ މިނެޓްގައި ރޮނާލްޑޯ ފޮނުވާލީ ބާރު ޝޮޓް ހަންގޭރީގެ ކީޕަރު ޕީޓަ ގުލާޝީ ދިފާޢުކޮށްފައިވާއިރު، ޑިއޯގޯ ޖޮޓާވެސް ފޮނުވާލި ބޯޅަ ވަނީ ކީޕަރު ޕީޓަ ގުލާޝީ މަތަކޮށްފައެވެ. ޕޯޗުގަލްގެ އިތުރުން ހަންގޭރީއަށްވެސް ލަނޑު ޖާހާނެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވަރަށް ބޮޑަށް ފިޒިކަލްކޮށް ކުޅެމުންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗްގެ ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗްގެ ދެވަނަ ހާފްގައި ވެސް ފެނިގެންދިޔައީ ދެ ޓީމްގެ ފަތާރުން އަވަސް ކުޅުމެކެވެ. މެޗްގެ ފަހުކޮޅަށް ދިޔަވަރަށް ދެ ޓީމްގެ ފަރާތުންވެސް ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔައެވެ.

މެޗްގެ 80ވަނަ މިނެޓްގައި ހަންގޭރީގެ ޝަބޮލްޒް ޝޯން ވަނީ ހަންގޭރީއަށް ލީޑް ނަގައިދީފައެވެ. ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އަތުގައި ޖެހިފައި މިބޯޅަ ގޯލްގެ ތެރެއަށް ވަތް ނަމަވެސް، ހެންގޭރީގެ ޝަބޮލްޒް ޝޯން އޮފް ސައިޑްގައި އޮތުމުން، ރެފްރީވަނީ އެއީ ލަނޑެއް ނޫންކަމަށް ނިމްމާފައެވެ. ޕޯޗުގަލްގެ ލަނޑުތައް ފެނިގެންދިޔައީ މެޗްގެ ފަހު 10 މިނެޓްގެ ތެރޭގައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 84ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަފައެލް ގަރޭރޯއެވެ. މިލަނޑު ޖެހިތާ މިނެޓެއްފަހުން ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމްގެ ކެޕްޓަން ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ލީޑް ނަގައިދީފައެވެ. އަދި މެޗްގެ ތިންވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ މެޗްގެ އިތުރު ވަގުތުގެ ތެރޭގައެވެ. ލަނޑުޖެހިއިރުގައި ރޮނާލްޑޯ އޮފް ސައިޑްގައި އޮތްކަމަށް ބުނެ ހަންގޭރީގެ ކުޅުންތެރިން ވަނީ ރެފްރީ ގާތުގައި ޝަކުވާކޮށްފައެވެ.

ގުރޫޕް އޮފް ޑެތްގައި އޮތް ޕޯޖުގަލް އަށް މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓެވެ. އެއީ ދެން އެޓީމް ކުޅެންޖެހޭނީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެންޕިއަން ޕްރާންސް އަދި ޖާމަނީއާ ދެކޮޅަށް ކަމަށްވާތީއެވެ.