ވޯލްޑް ކަޕް ޗެންޕިއަން ފްރާންސްއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.
1 ލަނޑު 0 ލަނޑުން ފްރާންސް މިމެޗް ކާމިޔާބުކޮށްފައިވަނީ މިފަހަރުގެ މުބާރާތުގެ ޗެންޕިއަންކަން ހޯދާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލް ކުރާ ވަރުގަދަ ޖަރުމަންއާއި ވާދަކޮށެވެ. ދެ ޓީމުގެ ފަރާތުން ވެސް ވަރަށް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމުންވެސް އަވަސްވެގަތީ ލަނޑެއް ޖެހުމަށެވެ. ބޮޑަށް އެޓޭކިން އަށް ވިސްނައިގެން ދެ ޓީމުންވެސް ދިޔައީ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ޖާމަނީގެ ޑިފެންޑަރު މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ އޭރިޔާގެ ތެރެއަށް ޕްރާންސްގެ ލޫކަސް ހެނާންޑޭޒް ހުރަސް ކުރަން މަސައްކަތް ކުރި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ހަމެލްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިގޯލާއެކު މިއީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮންމެ ޓީމެއް މެޗެއް ކުޅެފައިވާއިރު ބައިކޮޅަށް ވަތް ތިންވަނަ ގޯލެވެ. ދުނިޔޭގެ ޗެންޕިއަން ފްރާންސްއިން މެޗުގައި ލީޑް ނެގުމާއިއެކު ޖާމަނީއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މިޑްފީލްޑަރު ޓޯނީ ކްރޫސް ފޮނުވާލީ ބޯޅަ ވަނީ ފްރާންސްގެ ޑިފެންޑަރުން ބްލޮކް ކޮށްފައެވެ.
މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ފްރާންސްގެ އޭޑްރިއަން ރަބިއޯއަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރަބިއޯ އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ، ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ފްރާންސެކޭ އެއްގޮތަށް ޖަރުމަނަށްވެސް ލަނޑު ޖަހާނެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖަރުމަންގެ ސާޖް ގްނަބްރީ ޖެހިބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗްގައި ޕްރާންސްގެ އެމްބާޕޭ ލަނޑެއް ޖެހިނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ. ރޭ މެޗުގައި އުފައްދަމުންދިޔަ ގިނަ ހަމަލާތައް ދެ ޓީމްގެ ޑިފެންޑަރުން ދިފާއުކުރިއެވެ. މެޗުގެ 85ވަނަ މިނެޓްގައި ގައުމީ ޓީމަށް 5 އަހަރުފަހުން ކުޅުމުގެ ފުރުސަތު ލިބިގެންދިޔަ ކަރީމް ބެންޒީމާ ވަނީ ފްރާންސަށް ލަނޑެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ވަނީ އެ ލަނޑުވެސް އޮފްސައިޑްކަމަށް ނިންމާފައެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރޭ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްއިން ވަނީ ހަންގޭރީ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ.