ޚަބަރު

ބަނޑޭރިކޮށި ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ހާމަކޮށްފި


މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ހިމެނޭ ސަރަހައްދު ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުން ހާމަކުރައްވައިފިއެވެ.

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ވަނީ ޕްރެޒެންޓޭޝަނެއްގެ ސިފައިގައި މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ.

އެގޮތުން މާލޭގެ ލޭންޑް ޔޫސް ޕްލޭން ތަރައްޤީ ކުރާއިރު ސަރުކާރުން ވިސްނާފައިވަނީ ބަނޑޭރިކޮށީގެ ބޮޑު ބައެއްގައި މީހުން ދިރިއުޅޭނެ ފްލެޓްތަކެއް އަޅާށެވެ. އަދި އޮފީސް ޓްވަރުތަކާއި، ފުޓްސަލް ކޮމްޕްލެކްސް އަކާއި ފިހާރަތަކުގެ އިތުރުން ޒަމާނީ ފެންވަރުގައި މަގުތަކާއި ޕާކްތަކެއް ހެދުމަށްވެސް ޕްލޭނިން މިނިސްޓްރީގެ ޕްރެޒެންޓޭޝަންގައިވެއެވެ.

ޕްލޭނިން މިނިސްޓްރީން މާލޭގެ ލޭންޑް ޔޫސް ޕްލޭން ހާމަކުރުމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ބަނޑޭރިކޮށި ސަރަހައްދު ތަރައްޤީ ކުރުމަށް ހާމަކޮށްފައިވާ ވިސްނުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މޭޔަރު މުޢިއްޒު ވިދާޅުވީ އެ ސަރަހައްދު ތަރައްގީކުރަން ސިޓީ ކައުންސިލްގެ ވިސްނުމެއްވެސް ގެނގުޅުއްވާކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ޕްލޭން މުޅިން ނިންމާނީ މާލޭގެ ރައްޔިތުންނާ އިތުރު މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަދިވެސް މާލޭގައި ދިރިއުޅެން މަދުން ނަމަވެސް ބިން ލިބެން ހުރި ތަންތަން މާލޭ ސަރަހައްދުގައި އެބަހުރިކަމަށެވެ. އަދި އެންމެ ބޮޑަށް އިސްކަމެއް ދޭނެ މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް މާލޭން ލިބެން އޮތް މިންވަރަކުން ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި 300 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން މާލެ އިއްޒަތްތެރި ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ހިމެނެއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންދާނީ މާލޭގެ ރައްޔިތުން އެދޭ ގޮތެއް ބެލުމަށްފަހު، އެގޮތަށްކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.