ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑް އަތުން މޮޅުވެ، ރަޝިއާއިން މުބާރާތުގެ 2 ވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު އާކޮށްފިއެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗް ރަޝިޔާއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިގުރޫޕްގައި ރަޝިޔާއިން ކުޅުނު ފުރަތަމަ މެޗްގައި ބެލްޖިއަމް އާއި ވާދަކޮށްވަނީ ބަލިވެފައެވެ.
ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ވަރަށް ކުރީކޮޅުގައި ފިންލެންޑުންވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ފިންލެންޑުގެ ޔޮއެލް ޕޮޔަންޕާލޯ ބޮލުން ޖެހި މިލަނޑު ރެފްރީވަނީ ވީއޭއާރް ބެލުމަށްފަހު އޮފް ސައިޑް ލަނޑެއްކަމަށް ނިންމާފައެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފްގެ މެދަކާއި ހަމައިން ރަޝިޔާއިން ވަރަށް ބޮޑަށް ކުރިއަށް އަރައިގެން ފިންލެންޑްގެ ގޯލްއަށް ނުރައްކާ ކުރަމުންދިޔައެވެ. އެގޮތުން ރަޝިޔާގެ ކެޕްޓަން އާޓެމް ޒޫބާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އާޓެމް ޒޫބާ ގޯލާއި ދިމާލަށް ޖެހި ބޯޅައިގެ ހުރަހަކަށްވީ ގޯލްގެ ދަނޑިއެވެ. ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ބޯޅައެއް ގޯލްގެ ތިން ދަނޑިން އެތެރެކޮށްލެވޭ ގޮތެއް ނުވިއެވެ. ހަމަލާތައް އުފައްދަމުން ގޮސް މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ރަޝިޔާއިންވަނީ މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުޖަހާ ލީޑް ނަގާފައެވެ. މިލަނޑު ރަޝިޔާއަށް ކާމިޔާބުކޮށްދިނީ އަލެކްސޭ މިރަންޗުކްއެވެ.
މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ފިންލެންޑްގެ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ޓީމޫ ޕޫކީއަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފިފައެއް ނުވެއެވެ. އަދި ޕޫކީއަށް ލިބުނު ދެވަނަ ފުރުސަތުގައި އޭރިޔާގެ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ބޯޅަ ފިންލެންޑްގެ ކީޕަރު މަޓްވޭ ސަފޯނޯވްވަނީ މަތަކޮށްފައެވެ. މެޗްގެ ފަހު ކޮޅުގައި ރަޝިޔާއަށް ދެތިން ފުރުސަތެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ.
މިމެޗުން ރަޝިޔާ މޮޅުވުމާއި ގުޅިގެން ގުރޫޕް ބީގައި ބެލްޖިއަމް، ރަޝިޔާ، ފިންލެންޑް މިއިން ކޮންމެ ޓީމަކަށްވެސްވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަމަވެސް ބެލްޖިއަމްއަށް ގުރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ރަޝިޔާ އާއި ފިންލެންޑުން ދެ މެޗް ކުޅެފައިވާއިރު، ބެލްޖިއަމް މިހާތަނަށް ކުޅެފައިވަނީ އެއް މެޗެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ޑެންމާކްއެވެ. ޑެންމާކްވަނީ ފިންލެންޑްއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ.