ތުރުކީ ބަލިކޮށް ވޭލްސްއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ. ވޭލްސްއިން ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައި ވަނީ މިރޭ ތުރުކީއާ ވާދަކޮށް 2 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ވޭލްސްއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ސްވިޒަލެންޑް ވާދަކޮށް 1 ލަނޑު 1 ލަނޑުން ވަރުކޮށްފައެވެ. މިރޭ ކުޅުނު މެޗް ވޭލްސްއިން ވަނީ ތުރުކީގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މެޗް ފެށިގެން އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ވޭލްސްއަށެވެ. ވޭލްސްގެ އާރޮން ރަމްސޭއަށް ފޮނުވާލި ބޯޅަ ވަނީ ތުރުކީގެ ކީޕަރު އުގުރުކާން ޗަކީރް މަތަކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހުން ތުރުކީގެ ބުރަކް ޔިލްމާޒް އުފައްދަން މަސައްކަތް ކުރި ހަމަލާ ވަނީ ވޭލްސްގެ ޑިފެންޑަރުން ހުރަސްއަޅާފައެވެ. މެޗްގެ 24ވަނަ މިނެޓްގައި ރަމްސޭއަށް ގޯލް ޖަހަން ދެވަނަ ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ނަމަވެސް ރަމްސޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ވޭލްސްއިން ވަނީ ލަނޑެއްޖަހައި ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަމްސޭއެވެ. މިއީ އެޓީމްގެ ކެޕްޓަން ގެރެތް ބޭލް ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ.
މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ތުރުކީއަށް ނަތީޖާ ހަމަހަމަ ކުރުމަށް އެޓީމުގެ ޔިލްމާޒަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޔިލްމާޒަށް އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ 60ވަނަ މިނެޓުގައި ވޭލްސްއަށް ލީޑް ފުޅާކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ ކެޕްޓަން ބޭލްއަށެވެ. ބޭލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލި ނަމަވެސް، އެބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކަރިން ބޭރަށެވެ. އޭގެ ފަހުން ތުރުކީގެ ޔިލްމާޒާއި ހަކަން ޗަނޮނޮގްލޫ އަދި ޗެންގިޒް އުންޑެއާއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މެޗްގައި ވޭލްސްގެ ދެވަނަ ގޯލް ފެނިގެންދިޔައީ މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މިގޯލަކީ ވޭލްސްގެ ކޮނާ ރޮބަޓްސް ޖަހައިދިން ގޯލެކެވެ.
ދެ މެޗުން ލިބުނު 4 ޕޮއިންޓާކު ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ ވޭލްސްއެވެ. މިގުރޫޕްގެ ދެވަނައިގައި އޮތީ އިޓަލީއެވެ. އިޓަލީގެ ފުރަތަމަ މެޗްގައި އެޓީމު ވަނީ ތުރުކީ ބަލިކޮށްފައެވެ. މިމެޗުން ބަލިވުމާއި ގުޅިގެން ތުރުކީ އޮތީ ގުރޫޕްގެ އެންމެ ފުލުގައެވެ. އެއް ޕޮއިންޓާއެކު ސްވިޒަލެންޑް އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.