ކުޅިވަރު

ގިނަ ބައެއްގެ ތައުރީފް ގައުމީ ޓީމަށް


އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުމާއެކު ގިނަ ބައެއްގެ ތައުރީފް ރާއްޖެ ގައުމީ ޓީމަށް ލިބެން ފަށައިފިއެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ތެރެއިން 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން އަށް އޭއެފްސީން ކަނޑައެޅި އާ ރޭންކިންއާއެކު ރާއްޖެއަށް ވަނީ އޭޝިއަން ކަޕްގެ އޭޝިއަން ކަޕްގެ ކޮލިފައިންގެ ތިންވަނަ ބުރުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް އޭގެ އެއްވަނަ ހޯދައިގެން އޭޝިއަން ކަޕްގެ ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ސީރިޔާއެވެ. ދެވަނައިގައި އޮތީ ޗައިނާ، އަދި ތިންވަނަގައި އޮތީ ފިލިޕީންސް، ހަތަރުވަނައިގައި ރާއްޖެ އޮތްއިރު، ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.

އޭއެފްސީއިން އުސޫލްތަކަށް ބަދަލުގެނައީ އުތުރު ކޮރެއާ ކޮލިފައިންއިން ވަކިވެ، ގަތަރު އޭޝިއަން ކަޕަށް ކޮލިފައިވުމާއި ގުޅިގެންނެވެ. އަދި މިއާ އުސޫލާއެކު ކޮންމެ ގުރޫޕެއްގެވެސް އެންމެ ފުލަށް ދާ ޓީމާއެކު ކުޅެފައިވާ މެޗްގެ ޕޮއިންޓް ނުގުނާ ގޮތަށްވެސް އޭއެފްސީއިން ވަނީ ނިންމާފައެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ސްޓޭޖުން ރާއްޖެއަށް ފުރުސަތު ލިބުނީ ގުރޫޕްގެ ހަތަރުވަނައަށް ދިއުމާއި ގުޅިގެންނެވެ. ރާއްޖޭގެ އިތުރުން ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްގާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީލަންކާއަށްވެސް ވަނީ ގްރޫޕު ސްޓޭޖުން ޖާގަ ލިބިފައެވެ. ގްރޫޕްތަކުގެ ފަސް ވަނައިގެ ގޮތުގައި އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ލިބުނު ތިން ޓީމަކީ މިޔަންމާ އާއި ޔަމަން އަދި ބަންގްލަދޭޝްއެވެ. އޭއެފްސީން މިހާރު އަމަލް ކުރަމުންދާ އާ އުސޫލްގެ ދަށުން ޕްލޭއޮފްގައި ކުޅޭނެ ހަތަރު ޓީމަކީ އިންޑޮނީޝިއާ، ކެމްބޯޑިއާ، ޗައިނީސް ޓައިޕޭ އަދި ގުއާމެވެ.

މިއާއެކު ގިނަ ފަރާތްތަކުން ރާއްޖޭގެ ގައުމީ ޓީމަށް ތަޢުރީފް ކުރަނީ ހޮޓަލް ޖެންގެ ބޯލް ރޫމްގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށްފަހު، އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމާއި ގުޅިގެންނެވެ. މުބާރާތައް ފުރުމުގެ ކުރިން ގައުމީ ޓީމް ހޮޓެލް ޖެންގައި ކޭންޕް ކުރިނަމަވެސް، އެދުވަސްވަރު މާލޭގެ ކޯވިޑް-19ގެ ހާލަތު ހުރި ގޮތުން ގައުމީ ޓީމަށް ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހުއްދައެއް ލިބިފައެއް ނުވެއެވެ. މި ދަތި ދަނޑިވަޅުގައިވެސް ކުޅުންތެރިން ދެއްކި ހިތްވަރާއި މަސައްކަތަކަށް ގިނަ ފަތާތތަކުން ވަނީ ގައުމީ ޓީމްގެ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.