ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކް ބަލިކޮށް ބެލްޖިއަމުން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މިމެޗް ހާއްސަކޮށްފައިވަނީ ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަންއަށެވެ. މިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފައި ވަނީ 2 ލަނޑު 1 ލަނޑުންނެވެ.
ފޯރިގަދަ އަދި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފީފާ ރޭންކިންގެ އެއްވަނަ ޓީމް ބެލްޖިއަމް އާއި ދެކޮޅަށް ޑެންމާކްގެ ފަރާތުން ފެނިފައި ވަނީ ވަރަށް އާދަޔާ ޚިލާފު ކުޅުމެކެވެ. މިމެޗުން ބެލްޖިއަމް މޮޅުވުމުގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑި ބްރޭނާގެ ކުޅުން ފާހަގަކޮށްލެވުނެވެ. އަދި ހަޒާޑްގެ ކުޅުންވެސް ފާހަގަކޮށްލެވުނެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބެލްޖިއަމަށް ވަނީ މުބާރާތުގެ ދެވަނަ ބުރު ޔަގީންވެފައެވެ.
މިމެޗުން ފެށުމުގެ ކުރިން ހާޓް އެޓޭކްއެއް ޖެހިގެން ޑެންކާމްގެ ފުރަތަމަ މެޗްގައި ދަނޑު މައްޗަށް ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހަދާނުގައި ވަނީ ސުކޫތެއް ގެނެސްފައެވެ. އެރިކްސަންގެ ހާދާނުގައި ޑެންމާކުން މިމެޗަށް ނިކުމެފައިވަނީ މޮޅެއް ހޯދުމުގެ އަޒުމްގައެވެ. މެޗްގެ ފެށިގެން 1 މިނެޓް 39 ސިކުންތުގައި ޑެންމާކުން ވަނީ ލަނޑެއްޖަހައި މެޗްގައި ލީޑް ނަގާފައެވެ. މިލަނޑު ޑެންމާކަށް ކާމިޔާބުކޮށްދިނީ ޔުސެފް ޕޯލްސަންއެވެ. މިއީ ޔޫރޯގެ ތާރީޚުގައި ދެވަނައަށް ޖެހި އެންމެ އަވަސް ގޯލެވެ. ޔޫރޯގައި އެންމެ އަވަސް ގޯލް ޖަހާފައިވަނީ 2004ވަނަ އަހަރު ގްރީސް ކޮޅަށް ރަޝިއާގެ ޑިމިޓްރީ ކިރިޗެންކޯ ޖެހި ގޯލެވެ. އޭނާ މިގޯލު ކާމިޔާބުކުރީ 1 މިނިޓް 5 ސިކުންތުންނެވެ.
މެޗްގައި ޑެންމާކުން ޖެހި ލަނޑަށްފަހު އެޓީމުން ދިޔައީ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ބެލްޖިއަމް އެންމެ ފުރަތަމަ ހަމަލާ ތަނަވަސްކޮށްދީފައި ވަނީ މާޓެސްއެވެ. ނަމަވެސް މާޓެސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ޑެންމާކުގެ ކީޕަރު ކެޝްޕާ ޝްމައިކަލް އަތަށެވެ. މެޗްގެ ކުޅުން ކުރިއަށްގޮސް މެޗްގެ 10ވަނަ މިނެޓްގައި ވަނީ ކުޅުން މެދުކަނޑާލާފައެވެ. ކުޅުން މެދުކަނޑާލާފައި ވަނީ އެރިކްސަންގެ ހާދަންގައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޑެންމާކުން މޮޅަށް ކުޅުނު ނަމަވެސް ބެލްޖިއަމުން ވެސް ދިޔައީ ޑެންމާކްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ބެލްޖިއަމް އަށް ނަތީޖާ ހަމަހަމަކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ރޮމަލޫ ލުކާކޫއަށެވެ. ލުކާކޫއަށް މިފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. މިމެޗްގައި ބެލްޖިއަމްގެ ކުޅުމަށް ބޮޑު ބަދަލެއް އައިސްފައި ވަނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ޑި ބްރޭނާ ކުޅެން އެރުވުމުންނެވެ. ޑި ބްރޭނާ ކުޅެން އެރުވުމާއެކު، ބެލްޖިއަމްގެ ކުޅުމަށް ބޮޑު ބަދަލެއް އައިސް، ޑެންމާކުގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ.
މެޗުގެ 55ވަނަ މިނެޓްގައި ބެލްޖިއަމުން ވަނީ މެޗުގެ ނަތީޖާ ހަމަހަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަޒާޑްއެވެ. މިލަނޑަށްފަހު އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ކުޅެން އެރުވުމާއެކު ބެލްޖިއަމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައެވެ. މެޗްގެ 71ވަނަ މިނެޓްގައި ބެލްޖިއަމަށް މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑި ބްރޭނާއެވެ. މެޗްގައި ޑެންމާކަށް އިތުރު ލނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް އެޓީމަށް ލިބުނު ގިނަ ފުރުސަތުގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ. ބެލްޖިއަމްގެ އިތުރުން މިމުބާރާތުގެ ދެވަނަ ބުރުން އިޓަލީ ވެސް ވަނީ ޖާގަ ހޯދާފައެވެ.