ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗް އެއްވަރުވެ، އިންގްލެންޑުން 2ވަނަ ބުރަށް ދިއުމަށް އިތުރަށް އިންތިޒާރު ކުރަންޖެހިއްޖެއެވެ. މިމެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމްއަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މެޗުން މޮޅުވެގެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އިންގްލެންޑަށް އޮތް ނަމަވެސް، އިންގްލެންޑަށް މިމެޗުން މޮޅު ވެވެވޭ ގޮތެއް ނުވިއެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން ސްކޮޑްލެންޑްގެ ފޯވާޑް ޗޭ އެޑަމްސްއަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި އިންގްލެންޑަށް ވެސް ލަނޑު ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. މިގޮތުން ޖޯން ސްޓޯންސްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އަދި ރަހީމް ސްޓާލިންއަށް ވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. އަދި ސްކޮޓްލެންޑުން އުފައްދަން މަސައްކަތްކުރި ހަމަލާތަކަށް ވަނީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކޮށްފައެވެ.
މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ޓީމަކަށް ސުން ކަނޑުވާލެވޭ ގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފްގައި އިންގްލެންޑުންވަނީ ޖެކް ގްރީލިޝް ކުޅެން އަރުވާފައެވެ. ޖެކް ގްރީލީޝް ކުޅެން އެރުވުމާއެކު އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފައްދަން ފެށިއެވެ. މެޗުގެ ނިމެންދަނިކޮށް ސްޓާލިންއަށް ސްކޮޓްލެންޑްގެ ކެޕްޓަން ރޮބާޓްސަން އޭރިޔާގެ ތެރެއިން ފައުލް ކުރިކަމަށް ބުނެ، ޕެނަލްޓީއެއް ހޯދުމަށް ސްޓާލިން މަސައްކަތް ކުރިއެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ފައުލްއެއް ނޫންކަމަށް ނިންމާފައެވެ.
މިގުރޫޕްގައި މިހާރު ކޮންމެ ޓީމަކަށް ވެސް އެއް މެޗް ބާކީ އޮތްއިރުގައި، މިވަގުތު ގުރޫފް ޑީގެ އެއްވަނައިގައި އޮތީ ޗެކް ރިޕަބްލިކެވެ. އެޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު، އިންގްލެންޑަށްވެސް 4 ޕޮއިންޓް ލިބިފައިވެއެވެ. ކޮރޭޝިއާއަށް 1 ޕޮއިންޓް އަދި ސްކޮޑްލެންޑަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ކޮރޭޝިޔާ ތިންވަނައިގައި އޮތް އިރު ސްކޮޑްލެންޑް އޮތީ ގުރޫޕްގެ އެންމެ ފުލުގައެވެ.