ކުޅިވަރު

ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުޞަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނަން: ސައްތާރު


އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ދާދި ފަހުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސްކަމަށް އިންތިހާބުވި މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ. ސައްތާރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގައި އޭނާގެ ރައީސްކަމުގައި ބޭނުންވަނީ ހުރިހާ ކުޅިވަރު އެސޯސިއޭޝަތަކާއި އެއްކޮށް ވަރަށް ގާތުން މަސައްކަތް ކުރަންކަމަށެވެ. އެގޮތުން ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އޭނާ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަން ކުރެވޭނީ ކުޅިވަރު ސިޔާސީ ނުކޮށް ސިޔާސީ ކަންކަން ކުޅިވަރު ތެރެއަށް ނުވައްދައި، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކޮށްގެންކަމަށް ސައްތާރު ވިދާޅުވިއެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ އަބަދުވެސް އޮލިމްޕިކް ޗާޓަރާއި ކުޅިވަރުގެ ޤާނޫނާއި އަދި ރާއްޖޭގައި ހުރި އެހެންވެސް ޤާނޫނުތަކާއި، އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތައްރައްޤީކޮށް ރާއްޖެއަށް ކުޅިވަރުތަކުން ރަންވަނަތައް ހޯދައި ދިނުމަށް އޭނާ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އައިއޯސީ ޗާޓަރާއި އަދި އޮލިމްޕިކް ކޮމެޓީގެ ސްޓެޓިއުޓްގައި ހުރި، ފުށު އެރުންތައް ނައްތާލުމަށް ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއް މޭޒެއްގެ ދޮށަށް އައިސް މަޝްވާރާކޮށް ޙައްލު ކުރައްވާނެކަމަށާއި ހާއްސަކޮށް އައިއޯސީގެ ޗާޓަރާއި އޮލިމްޕިކް ކޮމިޓީގެ ސްޓެޓިއުޓްސް ނުވަތަ އަސާސީ ގަވާއިދު އެއްގޮތް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށް ސައްތާރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާރު ވެސް ސްޓެޓިއުޓަށް ލާން އައިއޯސީން އެދިފައި ހުރި ބައެއް ކަންކަން އެބަހުރި ކަމަށާއި އެކަމަށް އޭނާ މަސައްކަތް ކުރައްވާނެކަމަށެވެ.

އައިއޯސީން ސްޓެޓިއުޓަށް ލުމަށް ލަފާދީފައިވާ އެންމެ މުހިންމު އެއްކަމަކީ ކުޅިވަރު ހިންގާ ކޮމިޓީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ. ސައްތާރު ވިދާޅުވީ ސަރުކާރުން މިހާރު ކުޅިވަރުގައި ޤާއިމްކޮށްފައިވާ، އަދި ޤާއިމު ކުރަމުންދާ ކުޅިވަރު ވަޞީލަތްތައް ބޭނުންކޮށްގެން ދުރުރާސްތާއަށް ވިސްނައިގެން ކުޅިވަރުތަކުން މެޑަލް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާބެހޭގޮތުން ވެސް ކުޅިވަރު އެސޯސިއޭޝަންތަކާއެކު މަޝްވަރާކޮށް ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ވިސްނުންތެރިކަމާއެކު ހުރިހާ ވަސީލަތްތަކެއް ބޭނުން ކޮށްގެން ވިޔަސް މެޑަލާ ހަމައަށް ދެވޭނެ ދުރުރާސްތާ ޕްލޭންތަކެއް ކޮންމެ އެސޯސިއޭޝަނަކުން ވެސް ހެދުން މުހިންމު ކަމަށާއި، އޮލިމްޕިކް ކޮމިޓީން ވެސް އެކަން ކުރާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.