ކުޅިވަރު

އިޓަލީއިން 2ވަނަ ބުރަށް، ފައިދާ ގޯލްގެ ތަފާތުން ވޭލްސް ދެވަނަ ބުރުން ޖާގަ ހޯދައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިކޮޅަށް ގޯލެއް ނުވަދެ، ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖާގަ ހޯދިއިރު، އިޓަލީ އަތުން ބަލިވިނަމަވެސް ގުރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައި ވޭލްސްއިންވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިރޭ ވޭލްސް އާއި އިޓަލީ ވާދަކުރި މެޗް އިޓަލީ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. ގުރޫޕް އޭގެ ހުރިހާ މެޗެއްގެ ކުޅުން މިރޭ ނިމިފައިވާއިރު އިޓަލީއިން ވަނީ އެޓީމު ކުޅުނު ތިން މެޗް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދާފައެވެ. ގުރޫޕްގެ ދެވަނައިގައިވާ ވޭލްސްއަށާއި ގުރޫޕްގެ ތިންވަނައިގައިވާ ސްވިޒަލެންޑަށް 4 ޕޮއިންޓް ލިބިފައިވައިވާއިރު، ގުރޫޕްގެ ދެވަނަ ވޭލްސްއަށް ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މިގުރޫޕްގެ އެންމެ ފުލުގައި އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވި ތުރުކީއެވެ. މިމެޗުން ހޯދި މޮޅާއެކު އިޓަލީން ވަނީ ބަލިނުވެ 30 މެޗް ހަމަކޮށްފައެވެ. މިމެޗަށް އިޓަލީ ނިކުމެފައިވަނީ އާންމުކޮށް އެޓީމުގެ ފުރަތަމަ 11ގައި ކުޅޭ ގިނަ ކުޅުންތެރިން ނުލައެވެ. މިމެޗްއަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފައިވާ އިޓަލީއިން ފުރަތަމަ 11އަށް ބޮޑު ބަދަލެއް ގެނެސްފައި ވަނީ ގިނަ ކުޅުންތެރިންތަކަކަށް ރެސްޓް ދިނުމުގެ ގޮތުންނެވެ. މެޗްގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އިޓަލީއިންނެވެ. އިޓަލީގެ ބެންޗު ޓީމްގެ ފާރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައި އިޓަލީގެ ކުރިއަށް ކުޅޭ ކުޅުންތެރިން ދިޔައީ ވޭލްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިގެ ތެރެއިން ގިނަ ހަމަލާތައް ވަނީ ވޭލްސްގެ ކީޕަރު މަތަކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި ވޭލްސްގެ ކުޅުންތެރިންނަށް ވެސް ގޯލް ޖެހުމަށް މަދު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މިފުރުސަތު ތަކުގެ ބޭނުން ވޭލްސްއަކަށް ނުހިފުނެވެ. ނަތީޖާއަކަށް ވީ، މެޗްގެ 39ވަނަ މިނެޓްގައި ގޯލެއް ޖަހައި އިޓަލީއިން ލީޑް ނެގުމެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސީނާއެވެ. މަޓެއޯ ޕެސީނާއަކީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީއިން ނެގި ސްކޮޑްގައި އެންމެ ފަހު ވަގުތު ފުރުސަތުދިން ކުޅުންތެރިއެކެވެ.

މެޗްގެ ދެވަނަ ހާފްގައި ވޭލްސްއިން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައެވެ. ވޭލްސްއިން ކުރަމުންދިޔަ މަސައްކަތަކަށް އިތުރު ހީނަރުކަމެއް ގެނުވީ މެޗްގެ 55ވަނަ މިނެޓްގައި އަމްޕަޑޫއަށް ސީދާ ރަތް ކާޑެއް ރެފްރީ ދެއްކުމުންނެވެ. މިއީ އިޓަލީގެ ބާނަޑޭޝްކީއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑެކެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ވޭލްސްއިން ދިޔައީ ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗްގެ 75ވަނަ މިނެޓްގައި ވޭލްސްއަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ކެޕްޓަން ގެރެތް ބޭލްއަށެވެ. އޭރިޔާގެ ތެރޭގައި ހުރެފައި ބޭލް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.