ޚަބަރު

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރަށް ތާވާލްކޮށްފި


އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރަށް ތާވާލްކޮށްފިއެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކޮލިފައިން ބުރުގެ ފުރަތަމަ ބުރުގެ މެޗްތައް އޮންނާނީއަންނަ ފެބްރުއަރީ މަހާއި މާރިޗުމަހުގައެވެ.

ފެބްރުއަރީގައި އެއް މެޗު ކުޅުމަށް ފަހު މާޗް މަހު ދެ މެޗު ކުޅޭނެއެވެ. ޖޫންގައި ވެސް މެޗެއް ކުޅޭނެއެވެ. ކޮލިފައިންގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހެވެ.

ރާއްޖެއިން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް މަސައްކަތްކުރަމުންދާއިރު، ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިފައިވެއެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖު މެޗުތައް އެންމެ ފުރަތަމަ އޮތީ މި އަހަރު ކުޅޭ ގޮތަށެވެ. އެހެންނަމަވެސް ކޯވިޑް-19 އާއި ގުޅިގެން މެޗުތައް ފަސްކުރިއެވެ.

ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު އޮންނައިރު، މެޗުތައް ކުޅެން ހަމަޖައްސާފައި ވަނީ ކުރިއެކޭ އެއްގޮތަށް ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭ ގްރޫޕެއް އެނގޭނީ ގުރުއަތަށް ފަހުއެވެ. ގުރުއަތުލުން ކުރިއަށްދާނީ ޕްލޭއޮފް މެޗުތައް ނިމުމުންނެވެ. ޕްލޭއޮފްގައި މިހާރު އޮތްގޮތުން ވާދަކުރަން ޖެހޭ ހަތަރު ޓީމަކީ އިންޑޮނީޝިއާ، ގުއާމް، ޗައިނީސް ޓައިޕޭ އަދި ކެމްބޯޑިއާއެވެ. މިތަނުން ދެ ޓީމެއް ކޮލިފައިން ގްރޫޕް ސްޓޭޖަށް ހޮވޭނީ އަންނަ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ކުޅޭ ދެ ލެގަށް ފަހުއެވެ.

އޭޝިއަން ކަޕްގެ ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު އެއް ވަނައިގައި ސީރިއާ އޮތީ 21 ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ދެ ވަނައިގައި ޗައިނާ އޮތީ 19 ޕޮއިންޓާއެކުއެވެ. އެ ޓީމަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ހޯސްޓެވެ. ގްރޫޕްގެ ތިން ވަނައިގައި ފިލިޕީންސަށް ލިބުނީ 11 ޕޮއިންޓާއެކުއެވެ. ހަތް ޕޮއިންޓާއެކު ރާއްޖެ އަށް ލިބުނީ ގުރޫފްގެ 4ވަނާގައެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅުނުއިރު އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައިވެއެވެ. ރާއްޖެ އޮތީ އޮމާނާއި ފަލަސްތީން އަދި ބޫޓާނާއެކު ގްރޫޕް ޑީގައެވެ. އެ ކޮލިފައިންގައި ރާއްޖެ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އަނެއް ހަތަރު މެޗުން ބަލިވުމާގުޅިގެން ރާއްޖެ އަށް 2019 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތެއް ނުލިބޭނެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރާއްޖެ ކުޅޭނީ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕްގަ. ރާއްޖެ އަކީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕުން ޖާގަ ލިބޭނެއެވެ.