މުނިފޫހިފިލުވުން

"މަޒްލޫމް"ގެ ޗެޕްޓަރ 2، ކުޑަކުޑަ މާހިލްގެ ފްރެންޑް "ޒަރޫކް"


2019 ވަނަ އަހަރު ސަޕްރައިޒިން ފިލްމު "ބަވަތި" ދޫކޮށްލި ކާމިޔާބު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ހަމަ ތަފާތީއެވެ. މީގެ ހަފްތާއެއް ހާ ދުވަސްކުރިން އިއްލެ ވަނީ އޭނާގެ އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކުރާ ކުރި ފިލްމެއްގެ ޓީޒަރ ފޭނުންނަށް ދޫކޮށްލާފައެވެ.

ތަފާތު މި ޓީޒާރއަށް އަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް އިއްލެ މިވަނީ މުޅިން ތަފާތު މޮޅު ޓީޒަރއެއް އަނެއްކާވެސް ފޭނުންނަށް ދައްކާލާފައެވެ. މި ފަހަރުވެސް ކުރި ފިލްމެކެވެ. މި ފަހަރު މި އޮތީ ދާދި ފަހުން ދައްކާލި "މަޒްލޫމް" ޗެޕްޓަރ ޓޫ އެވެ. ވަޒީފާގެ މާހައުލުގައި ރޭފްގެ ޝިކާރައަކަށްވި ދެ އަންހެން ކުއްޖެއްގެ ވާހަކަތައް ގެނެސްދޭ 45 މިނެޓްގެ ކުރު ފިލްމު "މަޒްލޫމް"ގެ ޓީޒަރއަށްވެސް ވަނީ ގިނަ ބައެއްގެ ޝައުގުވެރިކަން އަތުލާފައެވެ.

އިއްލެ ދެންވެސް މި ދައްކާލީ ގިނަ ބަޔަކު އިންތިޒާރުކުރާނެ ކަހަލަ ވާހަކައެއްގެ ކުޑަ މިންވަރެކެވެ. "މަޒްލޫމް"ގެ ޗެޕްޓަރ ޓޫގެ ގޮތުގައި މި ފަހަރު އޮތީ "ޒަރޫކް" އެވެ.މި ފިލްމުގެ މެއިން ކާސްޓަކީ ކުޑަކުޑަ މާހިލްއެވެ. "ޒަރޫކް" އަކީ މާހިލްގެ ބެސްޓް ފްރެންޑެވެ. އެކަމަކު މާހިލްގެ ބެސްޓް ފްރެންޑް "ޒަރޫކް"އަކީ ކާކުތޯ ބަލާލަން ޖެހޭނީ ފިލްމް ނުކުންނަން ދެން އިންތިޒާރުކުރާށެވެ.

މާހިލް އިތުރުން ދެން މި ފިލުމުން ފެނިގެންދާނީ އައި ފިލްމްސްގެ ކުރިޔަށް އޮތް ފީޗަރ ފިލްމު "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި ބައިސްކޯފްގެ ސީރީޒް "އެހެނަސް" އިން ތައާރަފުވި ނަތާޝާ ޖަލީލުވެސް ފެނިގެންދެއެވެ. ފިލްމު ޓީޒާ ބަލާލުމުން މާހިލްގެ އެކްޓީން ހުނަރާއި މެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެކަން ޔަޤީންނެވެ.

ޕީއެސްއެމްގެ ޓީވީއެމުގެ ފިލްމީ އުދަރެސްގައި ވާހަކަދައްކަމުން އިލްޔާސް ވަހީދު (އިއްލެ) ބުނީ މާހިލްއަކީ އައިފިލްމްސްގެ "ބިރުވެރި ވާހަކަ" ސީރީޒްގެ އޮޑިޝަންގައި ބައިވެރިވި ކުއްޖެއްކަމަށެވެ. އަދި އޮޑިޝަންގައި މާހިލްގެ ހުނަރު ފެނި އަޖައިބުވިކަމަށެވެ. އަދި "ޒަރޫކް" މާހިލްގެ އެކްޓިން އާއްމުންނަށް ފެނިގެންދާނެ ފުރަތަމަ ފަހަރުކަންވެސް އިިއްލެ ފާހަގަކުރިއެވެ.

"ޒަރޫކް" ގެ ޓިޒާ ބަލާލުމުން ބިރުވެރި މަންޒަރުތަކެއް ސިފަވެގެންދެއެވެ. "މަޒްލޫމް" ގޮތަށް "ޒަރޫކް" އަކީވެސް މުޖްތަމައުގައި ހިނގާ ސޯޝަލް އިޝޫއަކަށް ބިނާކޮށް ހަދާފައިވާ ކުރު ފިލްމެއްކަމަށް އިއްލެ ބުންޏެވެ. މި ފިލްމުގައި ފެނިގެންދަނީ ކުޑަކުޑަ މާހިލްއާއި އޭނާގެ އާއިލާއަށް ދިމާވާ ކަންތައްތަކެވެ.

މިމަހުގެ 10 ވަނަދުވަހު ދޫކޮށްލި "މަޒްލޫމް"ގެ ޓީޒަރ އަށްފަހު އެ ފިލްމު ބައިސްކޯފުން ނަގާފައިވާކަމަށް އިއްލެ ބުންޏެވެ. އަދި މީގެ ހަތަރު ޗެޕްޓަރ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް އިއްލެ ވަނީ ފާހަގަކޮށްފައެވެ.

"މަޒްލޫމް" މުހިއްމު ކާސްޓުންގެ ތެރޭގައި އިއްލިގެ ކާމިޔާބު ފިލްމު "ބަވަތި"ގެ ދެ ތަރިންކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހްމަދު އިފްނާޒް ފިރާގް ހިމެނެއެވެ. ދެން ހިމެނޭ ތަރިންގެ ތެރޭގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދާއި ޝަރަފު އަބްދުﷲ ހިމެނެއެވެ. މީގެއިތުރުން ބައިސްކޯފްގެ ސީރީޒް " އެހެނަސް " ގެ ރޯލަކުން ފެނި އެންޒީގެ ލޯތްބާއިއެކީ ގެ އެޑުން ފެނިގެންދިޔަ އަހްމަދު ޝާރިފްވެސް ހިމެނެއެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރި ސަސްޕެންސް ތްރިލާ "ބަވަތި" އަށްފަހު އެނާގެ ދެވަނަ ފިލްމެއްވެސް ވަނީ އިއުލާންކޮށްފައެވެ. " ނީނާ" ގެ ނަން ދީފައިވާ މި ފިލްމުގެ މަސައްކަތް މަޑުޖެހިފައިވަނީ މިހާރު ދުނިޔެއަށް ދިމާވެގެން އުޅޭ ކޯވިޑް ބަލިމަޑުކަމާއި ހެދިއެވެ.

"ނީނާ" ގެ އިތުރުން އައި ފިލްމްސް އިން އަންނަނީ އެހެން ސީރީޒެއްގެވެސް މަސައްކަތް ކުރަމުންނެވެ. 15 އެޕިސޯޑްގެ މި ސިރީޒަށް ދީފައިވާ ނަމަކީ "ބިރުވެރި ވާހަކަ" އެވެ.