ކުޅިވަރު

ވީއޭއެމްގެ ތަރައްގީގެ ޕެލޭނަށް އޭސީވީގެ އެހީތެރިކަން ހޯދަނީ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޑިވެލޮޕްމަންޓް ޕްލޭނަށް އޭވީސީގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފިއެވެ.

މުހައްމަދު ރަނޭޝްގެ ވީއޭއެމްގެ ރައީސްކަމަށް އިންތިހާބުވުމާއެކު ވޮލީބޯޅައިގެ ތަރައްޤީއަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތެރެ ތިން ޒޯނަކަށް ބަހާލާއިގެން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މީގެ ކުރިން ވެސް ރަނޭޝް ވިދާޅުވެފައިވެއެވެ. މިބައްދަލުވުމުގައި މޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަނުން އެކުވަލާވާލާފައިވާ ތަރައްޤީގެ ޕްލޭން ހިއްސާ ކުރުމުގެ އިތުރުން މިޕްލޭނަށް އޭވީސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. މިބައްދަލުވުމުގައިވަނީ އޭވީސީގެ އެހީތެރިކަމާއެކު އެޖަމިއްޔާގެ ބައެއް މެންބަރު ގައުމުތަކުގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ. އަދި ރާއްޖޭގައި އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ އެފްއައިވީބީ ބީޗް ޓުއާ ފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އިތުރުން ވޮލީ ބޯޅައިގެ ތެރެއިން އަންހެނުން ބާރުވެރިކުރުވާނެ ގޮތްތަކާއި ބެހޭ ގޮތުންވެސް މިބައްދަލުވުމުގައި ވާހަކަދެއްކިފައިވާކަމަށް ވީއޭއެމްއިން މަޢުލުމާތުދިނެވެ. އަދި މީގެ އިތުރުން ވެސް ވީއޭއެމްއިން ރާއްޖޭގައި ވޮލީ ބޯޅަ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިތުރުކަންކަމާއި ބެހޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ.

އޮންލައިންކޮށް އޭވީސީއާއެކު ބޭއްވި މިބައްދަލުވުމުގައި ވީއޭއެމްގެ ފަރާތުން ބައިވެރިވީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާއި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް އަދި އޭވީސީގެ ފަރާތުން ބައިވެރިވީ އެ ފެޑެރޭޝަންގެ ރައީސް ރީތާ ސުބޯވޯއެވެ.

ވީއޭއެމްގެ ރައީސަކަށް ރަނޭޝް އިންތިހާބުވީ މިދިޔަ އޭޕްރީލް އެއް ވަނަ ދުވަހުއެވެ. ވީއޭއެމްގެ މުބާރާތްތައް މިހާރު ކުރިއަށް ނުގެންދވިފައިވަނީ މިހާރު ފެތުރެމުންދާ ކޯވިޑް-19އާއި ގުޅިގެންނެވެ. އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަންވެސް ބައްދުކޮށްފައެވެ.