ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްއިން ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗްއެއް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މުބާރާތުން ކަޓާފައިވާ ނޯތު މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މެޗް ނެދަލެންޑްސްއިން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. މިމެޗް ފަށައިގެން ނޯތު މެސެޑޯނިއާއިން ވަރަށް ރަގަނޅަށް ޑިފެންސްކޮށްގެން ކުޅުނެވެ. އަދި ނޯތު މެސެޑޯނިއާއިން ކުރިއަށް ޖެހިލައިގެން ކުޅެން ފެށުމާއެކު ނެދަލޭންޑްސްއިން ނޯތު މެސެޑޯނިއާގެ ގޯލަށް ނުރައްކާ ކުރަންފެށިއެވެ. މިމުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއްދައްކާފައިވާ ނެދަލެންޑްސްއިން މެޗްގެ ފުރަތަމަ ފަހަރަށް ލީޑްނެގީ މެޗްގެ 24ވަނަ މިނެޓްގައި އެޓީމުގެ މެމްފިސް ޑިޕާއި ކާމިޔާބުކޮށްދިން ގޯލުންނެވެ. މިމެޗްގައި ނޯތް މެސަޑޯނިއާއަށް މާރަގަނޅު ކުޅުމެއް ދެއްކިފައިނުވާއިރު، ނެދަލޭންޑްސްގެ ފާރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިނުމުގެ ކުރިން ނޯތް މެސަޑޯނިއާއަށް ގޯލެއް ޖެހުމަށް ލިބުނު މަދު ފުރުސަތުގެ ތެރެއިން އެޓީމުގެ އިވާން ޓްރިކޯވްސްކީ ޖެހި ގޯލް ބަލައި ނުގެންފައިވަނީ ވީއޭއާރް ބެލުމަށްފަހުއެވެ.
މެޗްގެ ދެވަނަ ހާފްގައިވެސް ބޮޑު ބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ނެދަލޭންޑްސްއިންނެވެ. އެގޮތުން މެޗްގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެޓީމުން ވަނީ ކައިރި ކައިރީގައި ދެ ގޯލްޖަހައި ލީޑް ފުޅާކޮށްފައެވެ. މިދެ ގޯލްވެސް ނެދަލޭންޑްސް އަށް ކާމިޔާބުކޮށްދިނީ ޖިއޮޖީނިއޯ ވައިނާލްޑަމްއެވެ. މި ދެ ގޯލާއެކު ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ ގައުމީ ޓީމަށް 25 ގޯލް ޖަހައިދީފައެވެ.
މިމެޗަށް ނިކުތްއިރުވެސް ނެދަލޭންޑްސްއަށްވަނީ މުބާރާތުގެ ދެވަނަ ބުރޔގެ ޖާގައެއް ޔަގީންވެފައެވެ. އެއީ އެޓީމް ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްފައިވުމުންނެވެ.
ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދުމާއި ގުޅިގެން ނެދަލޭންޑްސްއަށް ވަނީ 3 މެޗުން 9 ޕޮއިންޓް ލިބިފައެވެ. ނެދަލޭންޑްސް ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.