ރާއްޖެއިން އިތުރު 145 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބާލާއިރު ވޭތުވެދިޔަ 24ގަޑިއިރު މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުން މިއަދުވެސް މަދެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބަށް ބަލާއިރު ހޯމަދުވަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް 145 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 66 މީހުންނެވެ. ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 77 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހެކެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުމިވަނީ 72،294އަށް އަރާފައެވެ.
ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 4569 މީހުންނެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި ޢަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 39 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވުމާއެކު، މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
359 މީހުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރެއަށް ބަލާއިރު ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 67،507އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،548 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖޭގައި ކޯވިޑް ބަލީގަ ނިޔާވި މީހުންގެ އަދަދުވަނީ 207އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 189 ދިވެހިންނާ 18 ބިދޭސީންނެވެ.