ކުޅިވަރު

ވީއޭއެމްގެ ފުރަތަމަ އަންހެން ޖީއެސްއަކަށް ސޫޒަން


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ފުރަތަމަ އަންހެން ޖެނެރަލް ސެކެޓްރީއަކަށް އައިޝަތު ސޫޒަން ހަނީފް ހަމަޖައްސައިފިއެވެ.

ފާއިތުވެ ދިޔަ އަހަރުތަކުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމް ފުރުއްވާފައިވަނީ ފިރިހެނުންނެވެ. ސޫޒަން ވީއޭއެމްގެ ޖީއެސްއަކަށް ހަމަޖައްސާފައިވާއިރު މިއީ ރާއްޖޭގެ ބޮޑު ކުޅިވަރެއްގެ ޖެނެރަލް ސެކެޓްރީއަކަށް އަންހެން ބޭފުޅެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން މާކެޓިން އިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ސޫޒަން ވަނީ ވީއޭއެމްގެ ޖީއެސްގެ ހައިސިއްޔަތުން، އެސޯސިއޭޝަންގެ ރަނޭޝާއެކު އޭވީސީގެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

20އަހަރު އެމްޓީސީގެ މެނޭޖްމަންޓްގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ސޫޒަން އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީގައެވެ.

ޖެނެރަލް ސެކްރެޓަރީގެ އެންމެއިސް ވާޖިބަކަށްވާނީ ދުވަހުން ދުވަހަށް އެސޯސިއޭޝަން ހިންގުމުގައި އެސްކޯގެ ޕްލޭނާއި އެއްގޮތަށް ކަންކަން ރާވާ ހިންގުމާއި، އަދި ކުރިއަށް ދާ ގޮތް ބެލުމުގެ އިތުުރުން އެސޯސިއޭޝަންގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަކީވެސް ޖީއެސްގެ ވާބިޖެކެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ނަރޭޝް ވިދާޅުވީ މިވަގުތު ވީއޭއެމް މިހާލަތަށް ވެއްޓުނީވެސް މެނޭޖްމަންޓްގެ ސައިޑް ފެއިލްވެގެންކަމަށާއި ވީއޭއެމްގެ ކަންތައްތައް ބޮއްސުންލައިގެން ދިޔައީވެސް މެނޭޖްމަންޓް ފެއިލް ވުމުގެ ސަބަބުންކަމަށެވެ. ވީމާ ވީއޭއެމްގެ މެނޭޖްމަންޓް ހަރުދަނާ ކުރުމުގެ ގޮތުން މިވަގުތު އެންމެ އިސްކަމެއް ދީފައިވަނީ މެނޭޖްމަންޓް ހަރުދަނާ ކުރުންކަމަށާއި ސޫޒަން ޖީއެސްއަށް ހަމަޖައްސާފައިވަނީ ސޫޒަންއަކީ މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކޮށްފައިވާ ބޭކަނބަލެއްގެ އިތުރުން މެނޭޖްމަންޓްގެ ދާއިރާއިންގެ ތަޖްރިބާވެސް ހުރި ބޭކަބަލެއްކަމަށް ރަނެޝް ވިދާޅުވިއެވެ.

ރަނޭޝް ވިދާޅުވީ ސޫޒަންގެ ކިބައިގައި ކުޅިވަރުގެ ބެކްރައުންޑް ނެތްނަމަވެސް، ސޫޒަންއަކީ ވިކްޓްރީއަށް ކުޅެފައިވާ ޢަލީ ޝަރީފްގެ އަންހެނުންކަމަށްވުމުން، ކޮންމެވެސް ވަރަކަށް ކުޅިވަރުގެ ކަންކަން އެގޭނެކަމަށް ގަބޫލް ކުރާކަމަށްވެސް ރަނޭޝް ވިދާޅުވިއެވެ.

8 އަހަރުވަންދެން ވީއޭއެމްގެ ޖެނެރަލް ސެކެޓްރީކަން ކޮށްފައިވާ ހުސެއިން މުހައްމަދު ބުނީ ވީއޭއެމްގެ ޖީއެސް މަގާމަކީ ވަރަށް ޒިންމާބޮޑު މަގާމެއްކަމަށާއި މަގާމްގައި ދެމިހުންނަން ބޭނުންވާކަމަށްވާނަމަ، ވަރަށް ހިތްވަރު ހުންނަން ޖެހޭކަމަށް ހުސެއިން ބުންޏެވެ. އަދި ކުއްލިއަށް ދިމާވާ ކަންތައްތަކުގައި ޕްރެޝަރު ހޭންޑަލް ކުރަން އިނގުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށާއި ކަމެއް ގޯސްވާ ކޮންމެ ދަނޑިވަޅެއްގައި އެކަމުގެ ޒިންމާ ޖީއެސް ނަގަންޖެހޭއިރު، އެންމެ ގުޅިގެން މަސައްކަތް ކުރުމަކީވެސް ޖީއެސްއަށް އޮންނަ ވަރަށް ބޮޑު ޗެލެންޖެއްކަމަށް ހުސެއިން މުހައްމަދު ވިދާޅުވިއެވެ. ސޫޒަން އަކީ ވީއޭއެމްގެ ހަ ވަނަ ޖެނެރަލް ސެކްރެޓަރީއެވެ.