ކުޅިވަރު

ކިންގްސްގެ އިސްމަގާމުތަކަށް ޒިލާލް އާއި ނާޒިމާ ހަމަޖައްސައިފި


ކިންގްސް ބާސްކެޓްބޯޅަ ޓީމުގެ އިސްމަގާމުތަކަށް ގައުމީ ބާސްކެޓް ޓީމްގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް އާއި ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އައިޝަތު ނާޒިމާ ހަމަޖައްސައިފިއެވެ.

ކިންގްސް ބާސްކެޓް ބޯޅަ ކުލަބަކީ މިހާރު ރާއްޖޭގައި އެންމެ ވަރުގަދަ އެއް ބާސްކެޓް ކުލަބެވެ. 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްއަށް ބާސްކެޓް ކުޅުން ހުއްޓާލާފައިވާ މުހައްމަދު ޒިލާލް ހަމަޖައްސާފައިވަނީ ކިންގްސްގެ ޑައިރެކްޓާ އޮފް ބާސްކެޓްބޯލްގެ މަގާމަވެ. ގިނަ ކުޅިވަރުތަކެއް ކުޅެފައިވާ އަދި ކުޅިވަރުގެ އިސްމަގާމްތަކެއް ވެސް ފުރާފައިވާ އައިޝަތު ނާޒިމާ ހަމަޖައްސާފައިވަނީ ކިންގްސްގެ ފްރެންޗައިޒް މާކެޓިން އަދި ޕަބްލިކް ރިލޭޝަންގެ މަގާމަށެވެ.

މީގެ ކުރިންސްގެ ޒިލާލް ބުނެފައިވަނީ ބާސްކެޓް ކުޅުން ހުއްޓާލިކަމުގައި ވީނަމަވެސް ބާސްކެޓުން ދުރަށް ނުދާނެކަމަށާއި ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނާފައިވާކަމަށް ވެސް ޒިލާލް ބުނެފައިވެއެވެ. ޒިލާލް ކުޅުން ހުއްޓާލުމުގެ ކުރިންވަނީ ކިންގްސް ބާސްކެޓް ބޯލް ކުލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. ކުޅިވަރު ކުޅުމާއި ކުޅިވަރަށް މީހުން ބިނާ ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ގައުމީ އިނާމު ހާސިލު ކުރި ޒިލާލްވަނީ މިހާރު ނޫހުން ހޮވާ އަހަރުގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައެވެ.

ކިންގްސްގެ ފްރެންޗައިޒް މާކެޓިން އަދި ޕަބްލިކް ރިލޭޝަންގެ މަގާމަށް ހަމަޖެއްސި އައިޝަތު ނާޒިމާއަކީ ރާއްޖޭގައި އުފެދުނު މޮޅެތި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ނާޒިމާ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ވޮލީ އަދި ބާސްކެޓުންނެވެ. ޕްރޮފެޝަނަލް ލެވެލްގައި ކުޅުން ހުއްޓާލުމަށްފަހު ނާޒިޔާ ދެން ބޮޑަށް ފެނިގެންދިޔައީ ކުޅިވަރު ހިންގުމުގެ ދާއިރާއިންނެވެ. އެގޮތުން އެފްއޭއެމްގެ ނައިބް ރައީސްކަމުގެ އިތުރުން އެފްއޭއެމްގެ ބައެއް އިސްމަގާމްތަށް ވެސް ނާޒިމާ ވަނީ ފުރުއްވާފައެވެ. އަދި މީގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑު މެންބަރުކަންވެސް ނާޒިމާ ކޮށްފައިވެއެވެ.