އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ފެރިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށް ދާ މަޝްރޫއެކެވެ.
އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޖުމްލަ ތިރީސްފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއަކީ ފެރިދޫއަށް ކުރިމަތިވެފައިވާ ފެނާއި ނަރުދަމާ ނިޒާމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ އިމާރާތުގެ މަސައްކަތް ކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ވިދާޅުވެއެވެ.
ބިމުގެ ބޮޑުމިނުގައި 44.2 ހެކްޓަރ ހުންނަ ފެރިދޫގައި ޤާއިމްކުރެވޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން، 6.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ފެސިލިޓީ އިމާރާތަކާއި، ފެން އުފެއްދުމަށް 2 އާރް.އޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ހަދާ 3 ތާންގީ ބެހެއްޓުމަށްވެސްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރުވަނީ ފެރިދޫއަށް ގެންގޮސްފައެވެ.
ފެރިދޫއަށް ކުރިމަތިވެފައިވާ ނަރުދަމާ ނިޒާމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ކުރިޔަށްދާ މި މަޝްރޫޢާއެކު، ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، މި މަޝްރޫޢުގެ ދަށުން ގޭގައި ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތާއި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.
ފެރިދޫއަށް ކުރިމަތިވެފައިވާ މި މައްސަލަތަކަށް ދާއިމީ ޙައްލުހޯދުމުގެ ގޮތުން މި މަޝްރޫއާއެކު ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފެރިދޫ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން މިހާރު ފެރިދޫގައި ކުރިޔަށްދާ މަޝްރޫއު ތަކަކީ، ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި، އެރަށުގެ ސިއްހީ މަރުކަޒު އެކްސްޓެންޝަން އިމާރާތެއް ހެދުމުގެ މަސައްކަތެވެ.