ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހު ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
ބެލްޖިއަަމް އެންމެ ފަހުގެ ޗެންޕިއަން ޕޯޗުގަލްގެ މައްޗަށް ކުރީ ހޯދާފައި ވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިއީ ފަހުގެ ތާރީހެއްގައި ބެލްޖިއަމުން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. ނޮކައުޓް މެޗަކަށް ވުމުން ދެ ޓީމުންވެސް ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސްއަށް ވިސްނައިގެންނެވެ. އެއްވެސް ޓީމަކުން މާބޮޑަށް ކުރިއަރައިގެން ކުޅެފައެއް ނުވެއެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި ޕޯޗުގަލްގެ ޑިއެގޯ ޖޮޓާއަށް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޖޮޓާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. މެޗްގެ 11ވަނަ މިނެޓްގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރުގައި މެޗްގެ 35ވަނަ މިނެޓްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް މެޗްގައި ލީޑް ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރޮނާލްޑޯ ހިލޭ ޖެހުމަކުން ފޮނުވާލީ ބާރު ބޯޅަ ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާއި ދިމާލަށް ދިއުމުން ކޯޓުވާ ވަނީ ރޮނާލްޑޯގެ ހަމަލާ މަތަކޮށްފައެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ ލަނޑެއްޖަހައި ލީޑް ނަގާފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ބެލްޖިއަމްއަށް ލަނޑު ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑްއެވެ. އޭރިޔާގެ ބޭރުން ތޯގަން ހަޒާޑް ފޮނުވާލި ބާރު ބޯޅަ ދިފާއު ކުރުމަށް ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ މަސައްކަތް ކުރިނަމަވެސް، ޕެޓްރީޝިއޯ އަތުގައިވެސް ޖެހިނުލާ ގޯލްގެ ތެރެއަށް ބޯޅަވަނީ ވަދެފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެގެން ބެލްޖިއަމުން މެޗުގެ ދެވަނަ ހާފް ފެށިނަމަވެސް އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޑި ބްރޭނާވަނީ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި އަނިޔާވެގެން ބަދްލު ކުރަންޖެހިފައެވެ. ދެވަނަ ހާފްގައި ޕޯޗުގަލްއިން ކުޅުން ރަގަނޅުކޮށް، ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ދެވަނަ ހާފްގައި ޕޯޗުގަލްއަށް ލަނޑު ޖެހުމަށް ރަނގަޅު ދެތިން ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޖޮޓާ ފޮނުވާލި ބޯޅަ ގޯލްގެ މަތީ ދަނޑިކައިރިން ލާފައި ބޭރަށް ދިޔައިރު، ޔާއޯ ފެލިކްސް ބޮލުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ސީދާ އަމާޒްވެފައިވަނީ ބެލްޖިއަމްގެ ކީޕަރު ކޯޓުވާ އަތަށެވެ. މިމެޗުން ބަލިވެއްޖެކަމަށްވާނަމަ، މުބާރާތުން އަލްވަދާއު ކިޔަންޖެހޭތީވެ، ޕޯޗުގަލްއިން ވަރަށް ބޮޑަށް ކުރިއަރައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މެޗްގެ ނިމެން ގާތްވެފައިވަނިކޮށް ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް ބެލްޖިއަމްގެ އެރިޔާގެ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ބާރުބޯޅަ ވަނީ ބެލްޖިއަމްގެ ކީޕަރު ކޯޓުވާ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ޕޯޗުގަލްގެ ރަފައެލް ގަރޭރޯ ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. އަދި މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް އެޓީމްވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުން މޮޅުވުމާއި ގުޅިގެން ކުއަޓަރ ފައިނަލުން ޖާގަ ހޯދި ބެލްޖިއަމް ކުއަޓަރ ފައިނަލްގައި ވާދަކުރާނީ އިޓަލީއާއިއެވެ.