ކުޅިވަރު

އިޓަލީ މެޗަށް ހަޒާޑް އާއި ޑި ބްރޭނާ ފިޓްވާނެ - ބެލްޖިއަމް


ކުއަޓަރ ފައިނަލް މެޗްއަށް އެޑެން ހަޒާޑް އާއި ކެވިން ޑި ބްރޭނާ ފިޓްވާނެކަމަށް ބެލްޖިއަމް ޓީމުން ބުނެފިއެވެ.

ބެލްޖިއަމް ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ އެޑެން ހަޒާޑް އާއި ކެވިން ޑި ބްރޭނާއަށް އަނިޔާވެފައިވަނީ ދެވަނަ ބުރުގައި ޕޯޗުގަލް އަތުން 1 ލަނޑު 0 ލަނޑު މޮޅުވި މެޗްގައެވެ. މިދެ ކުޅުންތެރިންވެސްވަނީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަން ޕޯޗުގަލް މުބާރާތުން ކަޓުވާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ކެވިން ޑި ބްރޭނާ އެމެޗްގެ ދެވަނަ ހާފްގެ ކުޅުންފެށިތާ ދެ މިނެޓްގެ ތެރޭގައި ބަދަލް ކުރަން ޖެހުނީ ކަކުލު ހުޅަށް އަނިޔާވުމާއި ގުޅިގެންނެވެ. އަދި މެޗްގެ ދެވަނަ ހާފްގައި ބެލްޖިއަމްގެ ކެޕްޓަން އެޑިން ހަޒާޑް ބަދަލް ކުރަން ޖެހުނީ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެގެންނެވެ.

ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒްބުނީ މިދެ ކުޅުންތެރިންގެ ސްކޭންއިން ދައްކާގޮތުން މާބޮޑު އަނިޔާއެއް ނުވާކަމަށާއި ހުކުރު ދުވަހު ކުއަޓަރ ފައިނަލްގައި އިޓަލީ އާއި ދެކޮޅަށް ކުޅޭ މެޗްގައި މިދެ ކުޅުންތެރިންނަށްވެސް ކުޅެނޭނެކަމަށް މާޓިނޭޒް ބުންޏެވެ. ކޯޗް ބުނީ މުހިންމު މެޗެއް ކުރިމަތީގައި އޮއްވާ ދެ ކުޅުންތެރިންނަށް އަނިޔާވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި އެދެ ކުޅުންތެރިން ފިޓްކުރުމަށް ޓީމްގެ ޑޮކްޓަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.