ކުޅިވަރު

ފުރަތަމަ ފަހަރަށް ޔޫކްރެެއިން ޔޫރޯގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފި


ފަހު މިނެޓްގައި ޖެހިގޯލުން ސްވިޑެން ބަލިކޮށް ޔޫކްރެއިން ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ. މިމެޗް ޔޫކްރެން ކާމިޔާބުކޮށްފައި ވަނީ 2 ލަނޑު 1 ލަނޑުންނެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައި ކުޅުނު މިމެޗްގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މިމެޗްގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފައްދާފައި ވަނީ ޔޫކްރެއިންނެވެ. ޔަރެމްޗުކް ޖެހި ބޯޅަ ސްވިޑެން ކީޕަރު ރޮބިން އޮލްސެން ވަނީ މަތަކޮށްފައެވެ. ސްވިޑެންއިން ވެސް މެޗްގައި ނުރައްކާތެރި ހަމަލާތައް އުފައްދާފައިވެއެވެ. ސްވިޑެންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި ޔޫކްރެއިން ލީޑްނެގީ މެޗްގެ 27ވަނަ މިނެޓްގައި އޮލެކްސަންޑަ ޒިންޗެންކޯ ޖަހައިދިން ގޯލުންނެވެ. މިލަނޑަށްފަހު ސްވިޑެންގެ ކެޕްޓަން ސެބަސްޓިއަން ލާސެން ފޮނުވާލީ ބޯޅަ ވަނީ ޔޫކްރެއިންގެ ކީޕަރު ދިފާޢުކޮށްފައެވެ. އަދި މެޗްގެ 43ވަނަ މިނެޓްގައި ސްވިޑެންގެ ފޯސްބާގް ވަނީ ލަނޑެއް ޖަހައިދީ ސްވިޑެންއަށް ހިތްވަރު އާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މެޗްގައި ދެ ޓީމުންވެސް ވަރަށް ބޮޑަށް ޑިފެންސްއަށް ވިސްނައިގެން ކުޅެމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޔޫކްރެއިންގެ ސޭހީ ސިޑޯޗުކް ޖެހި ބޯޅަ ގޯލުގެ ގޯލްގެ ދަނޑި އަށް އަމާޒުވިއިރު، ސްވިޑެންގެ ފޯސްބާގް ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފައެވެ. އަދި މެޗްގެ 68ވަނަ މިނެޓްގައި ވެސް ފޯސްބާގަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެ ހާފްގައި ސްވިޑެންއަށް އުދަގޫތަކާިއ ކުރިމަތިލާން ޖެހުނީ މާކަސް ޑެނިއަލްސަން ކުރި ނުރައްކާތެރި ފައުލްއަކާއި ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑުދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ދެ ޓީމުންވެސް ލަނޑެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި، މެޗް ޕެނަލްޓީއަށް ދަނެކަމަށް ހީކުރެވުނު ނަމަވެސް، 15 މިނެޓްގެ ފަހު ހާފްގެވެސް ފަހު މިނެޓްގައި ޔޫކްރެއިނުން ވަނީ ލަނޑެއްޖާހައި ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކް ސްޓޭޑިއަމްގައި ކުޅި ބަލަންތިބި އެންމެން ސިއްސުވަލާފައެއެ. ޔޫކްރެއިންއަށް ލަނޑު ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާޓެމް ޑޮބްވިކްއެވެ.

މިމެޗުން މޮޅުވެ ޔޫކްރެއިނުން މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދިއިރުގައި މިއީ ޔޫރޯގެ ނޮކައުޓް މެޗެއްގައި ޔޫކްރެއިން ވާދަކުރި ފުރަތަމަ ފަހަރެވެ.