ކުޅިވަރު

ގައުމީ ޓީމުގައި އިންޑިޔާ އެތލީޓެއް ނުހިމެނޭ - ތޮލާލް


އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނިގެން އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިވާ ކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފިއެވެ.

އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ރާއްޖޭގެ އަންހެން ޓީމް ހިމަނާފައި ވަނީ އިންޑިޔާގެ އެތްލީޓެއްވެސް ހިމަނައިގެންނެވެ. މިއިވެންޓުގެ ފޮޓޯ އާއި ވިީޑިއޯ ޝޯޝަލް މީޑިޔާގައި ދައުރުވަމުން ދިއުމާއި ގުޅިގެން ގިނަ ބަޔަކުވަނީ މިކަމާއި ހިތްހަމަ ނުޖެހިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާގެ އެތުލީޓެއް ރާއްޖޭގެ ޖޯޒީ ލައިގެން ދުވިކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށާއި އެހެން ގައުމެއްގެ އެތުލީޓެއް ލައިގެން ގައުމީ ރިލޭ ޓީމް ހަމަކޮށްފައިނުވާއިރު، މިފަދަ އުސޫލާއި ހިލާފުކަމެއް އެތުލެޓިކްސް އެސޯސިއޭޝަން ކޮށްފައިނުވާނެކަމަށް އެފަރާތުން ބުނެފައިވެއެވެ.

އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އެތްލެޓިކްސް އެސޯސިއެޝަނުން ބޮޑު ޓީމެއް އެކުލަވާލާފައި ވީނަމަވެސް އިންޑިޔާއަށް ފުރަން 6 ގަނޑިއިރަށް ވެފައިވަނިކޮށް ޓީމު އެއްކޮށް ހެދި ޕީސީއާރު ޓެސްޓުތަކުން އަންހެން ރިލޭ ޓީމުގެ އެއް ކުއްޖެއް ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން އަންހެން ރިލޭ ޓީމު ހަމަނުވުމާއި ގުޅިހެން އަންހެން ރިލޭ ޓީމު ހަމަކޮށްފައިވަނީ އިންޑިޔާގެ އެތުލީޓެއް ލައިގެންކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނެރުނު ބަޔާންއެއްގައި ބުނެފައިވަނީ އަންހެން ރިލޭ ހަމަނުވުމުގެ ސަބަބުން ގައުމީ އަންހެން ރިލޭ ޓީމް މިމުބާރާތުގައި ވާދަކޮށްފައިނުވާކަމަށެވެ. ނަމަވެސް އިންޑިޔާގައި އެވަގުތު ތިބުމާއެކު އެތުލީޓުންނަށް އިތުރު ތަޖްރިބާ ހޯދައިދިނުމުގެ ގޮތުން އިންޑިޔާގެ އެތުލީޓެއް ރިލޭ ޓީމުގައި ހިމަނައިގެން ރިލޭ އިވެންޓުގައި ދުވަން ނިންމީކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބުނެފައިވެއެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ކުރެވުނު މަސައްކަތުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ރާއްޖޭގެ ތިން އަންހެން އެތުލީޓުންނަށް ފުރުސަތު ދޭން ނިންމީ އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ވާދަކުރެވޭ ގޮތަށް ކަމަށާއި އޭގެ ބޭނުން ހިފަން އެސޯސިއޭޝަނުން ނިންމީ ކަމަށެވެ. އަދި މިވެންޓުގައި ދުވެފައިވަނީ ގައުމީ ޓީމް ނޫންކަމަށާއި މިއީ ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދިޔަ ތަޖްރިބާއެއްކަމަށް އެސޯސިއޭޝަންއިން ބުނެފައިވެއެވެ.