75 ރަށެއްގެ މައްޗަށް ބިނާވެފައިވާ ބ.އަތޮޅަކީ ހިތްގައިމު ވެއްޓަކާއި، ޤުދުރަތީ ރީތިކަމެއް ލިބިފައިވާ އަތޮޅެކެވެ. މީގެތެރެއިން 13 ރަށެއްގައި މީހުން ދިރިއުޅެމުންދާއިރު، އަތޮޅަށް ލިބިފައިވާ ޤުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދަނީ އަތޮޅު ރައްޔިތުންގެ ހިތްތިރިކަމާއި މެހުމާންދާރީގެ ސަބަބުންނެވެ. އެގޮތުން ބ.މާޅޮހަކީ މިހުރިހާ ކަމެއް ފުރިހަމަވެފައިވާ ރަށެކެވެ. އާބާދީގައި 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މާޅޮހަކީ ލޯކަލް ޓޫރިޒަމްގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ނަމަވެސް، ކުރިއަރަމުން އަންނަ މި ސިނާއަތަށް އެޅިފައި އޮތް ހަމައެކަނި ހުރަހަކީ އެރަށުގެ ފެނާ ނަރުދަމާ ނިޒާމެވެ.
ބ.މާޅޮހަށް ކުރިމަތިވެފައިވާ ފެނާ ނަރުދަމާގެ ދަތިތަކުގެ ސަބަބުން ސާފު ބޯފެނާއި، ޒަމާނީ ނަރުދަމާ ނިޒާމުގެ ޚިދުމަތުން އެރަށު ރައްޔިތުން މަޙްރޫމްވެފައި ތިބޭތާ އަހަރުތަކެއްވަނީ ވޭތުވެފައެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބ.އަތޮޅުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް "އެމްޑަބްލިޔުއެސްސީ" އާއި ހަވާލުކޮށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
103 ގޭބެސީއެއްގައި 740 މީހުން ބ. މާޅޮހުގައި ދިރިއުޅެމުންދާއިރު، މިއަދާހަމައަށް މިރަށުގައި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދެމުންއަންނަނީ ކޮންމެ ގެއެއްގައި ވަކިން ޓޭންކެއް ބަހައްޓައި، ޖަންގްޝަންތަކެއް ކޮނެ، ނަޖިސް ބިމުގެ އަޑިޔަށް ފޮނުވާލާ އުސޫލުން ކަމުގައި އެރަށުގެ ކައުންސިލް ރައީސް ޢަބްދުﷲ ސުޖާ ވިދާޅުވިއެވެ. އެރަށުގެ ފެންތިލަ ސަރަޙައްދުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި، އެ ރަށުގެ ފެންފަށަލަ ތަޢައްޔަރު ވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމްގެ ސިނާޢަތުން ކުރިއަރަމުންދާ ބ.މާޅޮހުގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށާއި، އާންމުންނަށް ސާފު ބޯފެނާއި ޒަމާނީ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން އެތަކެއް ދަތިތަކަކާއި ކުރިމާލާންޖެހިފައިވެއެވެ. އެރަށުގެ ކައުންސިލް ރައީސް ސުޖާ ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިންނާއި އާންމު ރައްޔިތުންނަށް ސާފު ބޯފެން ނުލިބުމާއި، އަސާސީ ބޭނުންތަކަށް ސާފު ފެން ނުލިބުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަމަށެވެ. އަދި މފެން ބޭނުން ކުރުމުގެ ސަބަބުން ހަމުގެ މައްސަލަތައް ކުރިމަތިވާ ކަމަށާއި، އެގޮތުން ހަންގަނޑު ހިރުވުމާއި، ރަތްވުމުގެ މައްސަލަތައްވެސް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ފެނުގައި ރަހަލާ ކަމަށާއި ސިއްޙީގޮތުން ބޭނުންކުރުމަށް އެކަށީގެންނުވާ ފެން ފޯރުކޮށްދޭކަމުގެ ޝަކުވާތައްވެސް ފަތުރުވެރިންގެ ފަރާތުން ލިބެމުންދާ ކަމަށް ސުޖާ ވިދާޅުއެވެ.
Physical works for B.Maalhos Water & Sewerage Project has commenced. Construction of RO Facility building is ongoing.#MWSCAsaasee #TeamMWSC pic.twitter.com/JUYm1qczQS
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) June 29, 2021
ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ ބ.މާޅޮހަކީ ރީތި ގޮނޑުދޮށަކާއި ހިތްގައިމު ވެއްޓެއް ލިބިފައިވާ ރަށަކަށްވާއިރު، އެރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވުމުން ލޯކަލް ޓޫރިޒަމަށް މިކަމުގެ އަސަރުކުރާކަމަށެވެ. މިކަން ތަފްސީލުކުރައްވާ އޭނާ ވިދާޅުވީ މާޅޮހަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށަކަށްވާއިރު، އެރަށުގެ ގެސްޓްހައުސްތަކުގެ ޚިދުމަތްތައް ފުރިހަމަނަމަވެސް، ފެނާއި ނަރުދަމާގައި ހުރި ދަތިތަކުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޝަކުވާތަކާއި އެކަމުގެ އުދަގޫތައް ތަހައްމަލް ކުރަންޖެހޭކަމަށެވެ. ނަމެވެސް މިމަޝްރޫޢުގެ ސަބަބުން މި ސިނާއަތަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބ.މާޅޮހުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ އާރްއޯ ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތާއި، ވަގުތީ ސައިޓް ޤާއިމްކޮށް ތަކެތި އެރަށަށް ގެންދިޔުމުގެ މަސައްކަތް ކަމަށްވެސް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޝާޙް ވިދާޅުވިއެވެ.
60 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް، 18 މަސްދުވަސްތެރޭ ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެއެވެ. މާޅޮހު ކައުންސިލްގެ ރައީސް ވިދާޅުވީ ކުރިޔަށްދާ މަޝްރޫޢުގެ ސަބަބުން، ގޯތިތެރެއިން މިހާރު ޖަންގްޝަން ހެދުމަށް ދޫކުރާ ސަރަޙައްދުގައި އަމިއްލަ ވިޔަފާރިއެއް ފެއްޓުމުގެ ފުރުޞަތާއި، އެޖާގައިގައި ގަސްއިންދާ އެވިއްކުމުގެ ފުރުޞަތު ހުޅުވިގެން ދިއުމާއި، ލޯކަލް ޓޫރިޒަމްގެ ސިނާއަތުގެ ތެރެއަށް ވަނުމުގެ ވިސްނުން ހުރި މީހުންނަށްވެސް އެމީހުންގެ ތަޞައްވުރެ ސާފުވެގެންދިއުމާއި، ކޮންމެ ތިން މަހަކުން ޖަންގްޝަންތައް ސާފުކުރަން ނުޖެހުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.