ސޯޅަ އަހަރަށް ފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމު ދޫކޮށްލުމަށްފަހު ފްރާންސްގެ ޕީއެސްޖީއާއި ގުޅިއްޖެއެވެ.
ފްރީ ޓްރާންސްފަރ އެއްގައި ޕީއެސްޖީއާއި ރާމޯސް ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނިމިގެން މިދިޔަ ޖޫން މަސް ނިމުމާއެކު ރިއަލް މެޑްރިޑާއެކު ސާޖިއޯ ރާމޯސް ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާއިރު ރާމޯސް ޕީއެސްޖީއަށް ބަދަލްވެފައިވަނީ ފްރީ ޓްރާންސްފަރއެއްގައެވެ. ރާމޯސް ޕީއެސްޖީއަށް ބަދަލްވެފައިވާއިރު އިންގްލިޝް ޕްރިމިއަރ ލީގުގެ ދެ ކުލަބަކުން ހުށައަޅާފައިވާ ދެ ހުށައެޅުމެއް ވަނީ ގަބޫލް ނުކޮށް ދޫކޮށްލާފައެވެ. މީގެ ތެރެއިން ޕްރިމިއަރ ލީގުގެ އެއް ކުލަބުން ބޮޑު މުސާރައެއްވެސް ރާމޯސްއަށް ހުށައަޅާފައިވެއެވެ. ތަޖްރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ބަދަލްވުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި އެޓީމާއެކު މެޑިކަލްގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު އުމުރުން 35 އަހަރުގެ ރާމޯސް 2005 ވަނަ އަހަރު ސެވިއްޔާއިން ރިއާލް މެޑްރިޑަށް ބަދަލްވެފައިވަނީ 27 މިލިއަން ފައުންޑަށެވެ. ރިއާލްއާއެކު ހޭދަކުރި 16 އަހަރުގެ ތެރޭގައި ރާމޯސް ވަނީ 5 ލީގު ތަށި، 2 ސްޕެނިޝް ކަޕް، 4 ޗެންޕިއަންސް ލީގް އަދި 4 ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ރިއާލްގެ އެންމެ ކާމިޔާބު އެއް ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ރިއަލްއަށް 101 ގޯލް ޖަހައިދީފައެވެ.
ހުސްއަތާއި މިއަހަރުގެ ސީޒަން ރިއަލް މެޑްރިޑް ނިންލާފައިވާއިރު އެޓީމުގެ އެންމެ ކާމިޔާބު އެއް ކޯޗް ޒައިނުއްދީން ޒިދާން ވަނީ ރިއާލް ދޫކޮށް ގޮސްފައެވެ. ރިއާލްގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ އެވަޓަންގެ ކުރީގެ ކޯޗް ކާލޯ އަންޗޮލޮޓީއެވެ. އަންޗޮލޮޓީ ވަނީ މީގެ ކުރިންވެސް ރިއަލްއަށް ކޯޗް ކޮށްދީފައެވެ.
ފޯވާޑުން އެންމެ ބިރު ގަންނަ އެއް ޑިފެންޑަރުކަމަށްވާ ސާޖިއޯ ރާމޯސްއަކީ ވަރަށް ޖެހިލުން ކުޑަ، ވަރަށް އެގްރެސިވްކޮށް ކުޅޭ ކުޅުންތެރިއެކެވެ. ރާމޯސް ވަނީ އޭނާގެ ގައުމް ސްޕެއިނާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވަނީ ކާމިޔާބުކޮށްފައެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ރާމޯސްއަށް ޖާގަ ގެއްލުނީ އަނިޔާގެ މައްސަލައާއި ގުޅިގެންނެވެ.