ކުޅިވަރު

ސެމީގެ ފުރަތަމަ ޖާގަ ސްޕެއިންއަށް


ޕެނަލްޓީގައި ސްވިޒަލެންޑް ބަލިކޮށް ސްޕެއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފިއެވެ. މެޗްގެ އިތުރު ވަގުތު ހަމަވީއިރު 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްޕެއިން ސްވިޒަލެންޑްގެ މައްޗަށް ކުރި ހޯދާފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.

މިމެޗަށް ނިކުތްއިރުގައި ސްވިޒަލެންޑްގެ ކެޕްޓަން ގްރެނިޓް ޝަކާ ދެ ކާޑް ހަވަމުވުމުގެ ސަބަބުން އެޓީމުން މެޗް ކުޅެފައިވަނީ ޝަކާ ނުލާއެވެ. ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ސްޕެއިންކަން ފާހަގަކޮށްލެވެއެވެ. އަދި ގިނަ ވަގުތު ސްވިޒަލެންޑް ހާފްގެ ތެރޭގައި ސްޕެއިނުން ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސްޕެއިނުންވަނީ މެޗްގެ ކުރީކޮޅުގައި ލީޑް ނަގާފައެވެ. މެޗްގެ 8ވަނަ މިނެޓްގައި ސްޕެއިންޖެހި މިގޯލަކީ ސްވިޒަލެންޑުގެ ފަހަތަށް ކުޅޭ ޒަކަރިއްޔާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ސްޕެއިނުން ލީޑް ނެގުމާއެކު ސްވިޒަލެންޑުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ސްވިޒަލެންޑުންގެ ކުރިއަށް ކުޅޭ ބްރިލް އެމްބޯލޯއަށް އަނިޔާވުމާއި ގުޅިގެން އޭނާ ބާލަން ޖެހުމުން ސްވިޒަލެންޑަށް އިތުރު އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. މެޗްގެ ފުރަތަމަ ހާފްގައި ސްވިޒަލެންޑަށް ގޯލް ޖެހުމަށް މަދު ފުރުސަތުތަކެއް ލިބިފައިވާއިރު، މީގެއިން އެއްވެސް ހަމަލާއެއްގެ ބޭނުން އެޓީމަށް ނުހިފުނުއިރުގައި ސްޕެއިން އަށް ވެސް ވަނީ ލީޑް ފުޅާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ސްޕެއިންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ވަނީ ސްވިޒަލެންޑުގެ ގޯލަށް އިތުރު ލަނޑެއް ޖެހޭ ގޮތްނުވެފައެވެ. އެގޮތުން އަލްވާރޯ މޮރާޓާ އާއި ޑެނީ އޮލްމޯއަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭގޮތެއް ނުވިއެވެ. ކައުންޓަރ އެޓޭކްގައި ސްވިޒަލެންޑުން ސްޕެއިންގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަކަށްވެފައި ވަނީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯންއެވެ. ސްވިޒަލެންޑުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗްގެ 68ވަނަ މިނެޓްގައި ޝަގީރީ ޖެހި ގޯލްއިންނެވެ. މިއީ މިމުބާރާތުގައި ޝަގީރީގެ ތިންވަނަ ގޯލެވެ. ޝަގީރީ މިލަނޑުޖެހިތާ 10 މިނެޓް ފަހުން ސްޕެއިންގެ ޖެރާޑް މޮރޭނޯއަށް ސްވިޒަލެންޑްގެ މައިކަލް އޮލިވާ ކުރި ފައުލްއަކާއި ގުޅިގެން ރެފްރީވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަމަވެސް ސްވިޒަލެންޑުން ވެސް އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވުމާއެކު ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެހާފްގައިވެސް އެއްވެސް ޓީމްއަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ.

މެޗްގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްޕެއިންގެ ފުރަތަމަ ޕެލަންޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ސްވިޒަލެންޑްގެ މާރިއޯ ގަވްރާނޮވިޗްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުވި ނަމަވެސް އެޓީމްގެ އަކަންޖީ އާއި ފަބިއަން ޝެއާ އަދި ވާގަސް ޖެހި ޕެނަލްޓީ ވަނީ ސްޕެއިންގެ ކީޕަރު މަތަކޮށްފައެވެ. ބުސްކެޓްސްގެ އިތުރުން ސްޕެއިންގެ ރޮޑްރީ އަށް ވެސް ޕެނަލްޓީ ކާމިޔާބު ނުކުރެވުނުއިރު އެޓީމްގެ އޮލްމޯ އާއި މޮރޭނޯ އަދި އޮޔާޒަބާލް ޖެހި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ.