ކުޅިވަރު

ޗެންޕިއަންކަން ހޯދާނެކަމަށް ބެލެވުނު ބެލްޖިއަމް ކަޓުވާލައި އިޓަލީ ޔޫރޯގެ ސެމީއަށް


ބެލްޖިއަމް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯފައިފިއެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާނެކަމަށް ގިނަ ބަޔަކު ގަބޫލްކުރި ބެލްޖިއަމް ކަޓުވާލުމަށް ފަހު ސެމީއިން އިޓަލީއިން ސެމީ ފައިނަލްއަށް ދަތުރުކޮށްފައިވަނީ މިރޭ 2 ލަނޑު 1 ލަނޑުން ބެލްޖިއަމް ބަލިކޮށްގެންނެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖެހިޖެހިގެން ބެލްޖިއަމް ކެޓި ދެވަނަ ފަހަރެވެ. 2016ވަނަ އަހަރުވެސް ބެލްޖިއަމް ކެޓީ ކުއަޓަރ ފައިނަލާއި ހިސާބުންނެވެ. ބެލްޖިއަމް މިމެޗާއި ކުރިމަތިލީއިރު އެޓީމުގެ ކެޕްޓަން އެޑިން ހަޒާޑް އަށް ވަނީ އަނިޔާވެފައެވެ. ނޮކައުޓް މެޗެއް ކަމުން ދެ ޓީމުން ވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން އެޓޭކް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މެޗްގެ 13ވަނަ މިނެޓްގައި އިޓަލީއިން ވަނީ ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް އިޓަލީގެ ފަހަތަށް ކުޅެމުން އަންނަ ލެއޮނާޑޯ ބޮނޫޗީ މިގޯލް ޖެހި ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އޮފްސައިޑް ގޯލެއްކަމަށެވެ.

ބެލްޖިއަމުންވެސް ދިޔައީ އިޓަލީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އެޓީމުގެ ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫއަށް ލިބުނު ބޯޅަތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި ބައެއް ބޯޅަތަށް ވަނީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާ މަތަކޮށްފައެވެ. ގޯލެއް ޖެހުމަށް އިޓަލީއިން ކުރަމުންދިޔަ މަސައްކަތަކަށް ނިމުމެއް އައީ މެޗްގެ 31ވަނަ މިނެޓްގައި ނިކޯލޯ ބަރޭލާ ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިޓަލީއިން ވަނީ ލީޑް ފުޅާކޮށްފައެވެ. އިޓަލީގެ ދެވަނަ ލަނޑު މެޗްގެ 44ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިގްނޭއެވެ.

ދެ ގޯލްގެ ލީޑަކާއެކު މެޗްގެ ފުރަތަމަ ހާފް އިޓަލީއިން ނިންމާލާނެކަމަށް ބެލެވުނު ނަމަވެސް މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ބެލްޖިއަލްގެ ރޮމަލޫ ލުކާކޫ ވަނީ ޕެނަލްޓީއަކުން ގޯލެއް ކާމިޔާބުކޮށް ބެލްޖިއަމް އަށް ހިއްވަރު އާކޮށްދީފައެވެ. މެޗްގެ ދެވަނަ ހާފްގައި އިޓަލީއިން ނިކުތީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. ނަމަވެސް މެޗްގެ 60ވަނަ މިނެޓްގައި ބެލްޖިއަމްގެ ލުކާކޫއަށް މެޗްގެ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ފަހުކޮޅަށް ދިޔަވަރަކަށް އިޓަލީއިން ދިޔައީ ފަހަތަށް ފައިބައިގެން ވަރަށް ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. މިމެޗުން އިޓަލީ މޮޅުވުމުގައި އެޓީމްގެ ކީޕަރުވަނީ ވަރަށް ރަނގަޅު ހަމަލާތަކެއް މަތަކޮށްފައެވެ.

ސެމީ ފައިނަލްގައި މިއަންނަ އަންގާރަދުވަހު އިޓަލީ ނިކުންނާނީ ސްޕެއިން އާއި ދެކޮޅަށެވެ.