ކުޅިވަރު

ޗިލީ ބަލިކޮށް ބްރެޒިލް ކޮޕަރގެ ސެމީއަށް


އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބްރެޒިލުން ޗިލީ ބަލިކޮށް ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ސެމީއިން ޖާގަ ހޯދައިފިއެވެ. މިމެޗް ބްރެޒިލް ކާމިޔާބުކިށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

ގުރޫޕް ސްޓޭގެ ފަހު މެޗްގައި ބްރެޒިލްގެ ކޯޗު ވަނީ މުހިންމު ބައެއް ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. އެއީ ކުއަޓަރ ފައިނަލް މެޗަށް ޓީމް ރަނގަޅަށް ތައްޔާރުވުމުގެ ގޮތުންނެވެ. މެޗް ފެށިގެން ވެސް ޗިލީއިން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންނެވެ. ޗިލީއިން ކުޅުމުންދިޔައީ ކައުންޓަ އެޓޭކުގައި ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގައި ޗިލީއަށް ވުރެއް ގިނަ ފުރުސަތު ގޯލެއް ޖެހުމަށް ބްރެޒިލްއަށް ލިބުނުއިރުގައި މެޗްގައި ބްރެޒިލްއަށް އެންމެ ފުރަތަމަ ލީޑް ނެގުމަށް ފުރުސަތު ލިބިގެންދިޔައީ މެޗްގެ 22ވަނަ މިނެޓްގައި ރޮބާޓޯ ފިރްމީނޯއަށެވެ. ފިރްނީއޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތި ފަނޑިކައިރިން ބޭރަށެވެ. އަދި މެޗްގައި ބްރެޒިލްއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ހުއްޓުވާފައިވަނީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯއެވެ. މެޗްގައި ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އަށް ލިބުނު ބޯޅަވެސް ޗިލީގެ ކީޕަރުވަނީ މަތަކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިކުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗްގެ ދެވަނަ ހާފްގެ ފެށިގެން ދެވަނަ މިނެޓްގައި ބްރެޒިލްއިން ވަނީ މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް ޕަކޭޓާއެވެ. މިލަނޑު ޖެހިތާ ދެ މިނެޓްފަހު ބްރެޒިލްގެ ގަބްރިއެލް ޖީސޫސްއަށް ރެފްރީވަނީ ރަތް ކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ ޖެސޫސް ޗިލީގެ މެނިއާއަށް ކުރި ނުރައްކާތެރި ފައުލްއަކާއި ގުޅިގެން ރެފްރީ ދެއްކި ރަތް ކާޑެކެވެ. ބްރެޒިލްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި ޗިލީއިން ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ޗިލީގެ ހަމަލާތައް ބްރެޒިލްގެ ޑިފެންޑަރުން ހުރަސް އަޅަމުންދިޔައިރު، ކީޕަރު އެޑަސަން މޮރާއެސް ވަނީ ޗިލީގެ ހަމަލާތަށް މަތަކޮށްފައެވެ.

އެންމެ ފަހުގެ ޗެންޕިއަން ބްރެޒިލްއިން ސެމީ ފައިނަލްގައި ނިކުންނާނީ ޕެރޫއާއި ދެކޮޅަށެވެ. މިމުބާރާތުގެ ގުރޫޕް ސެޓޭޖްގައި ބްރެޒިލްއިން ވަނީ ޕެރޫގެ މައްޗަށް 4 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ.