ކުޅިވަރު

29 އަހަރަށްފަހު ޑެންމާކުން ޔޫރޯގެ ސެމީއަށް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކް ބަލިކޮށް ޑެންމާކުން 29 އަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިމެޗް ޑެންމާކްއިން ކާމިޔާބުކޮށްފައިވަނީ 2 ލަޏޑު 1 ލަނޑުންނެވެ.

ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗު ޑެންމާކުން ވަނީ މެޗްގެ ވަރަށް ކުރީކޮޅުގައި ލަނޑެއްޖަހައި، ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 5ވަނަ މިނެޓްގައި ތޯމަސް ޑެލެއީނީއެވެ. މިލަނޑަށްފަހު ވެސް ޑެންމާކަށް ވަނީ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުސަތުތެއް ލިބި ބޭކާރުވެފައެވެ. ޑެންމާކުން މެޗްގެ އެހާ ކުރީކޮޅުގައި ލީޑް ނެގުމާއެކު ޗެކް ރިޕަބްލިކަށް މެޗްގެ ތެރެއަށް ވަދެ ކުޅުން އިރުކޮޅެއް ނެގިއެވެ. އަދި ފަހުން އެޓީމުން ވަނީ ޑެންމާކްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް އާއި ތޯމަސް ހޮލެޝްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ޗެކް ރިޕަބްލިކުން ގޯލެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް، މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެންމާކުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު މެޗްގެ 43ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޝްޕާ ޑޯލްބާގްއެވެ. މިއީ ކެޝްޕާ މިމުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ.

މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި ޗެކް ރިޕަބްލިކުން ވަނީ މޮޅަށް ކުލެފައެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ 4 މިނެޓްގެ ތެރޭގައި ގޯލެއް ޖަހައި ލީޑް ހަނިކޮށް، ހިތްވަރު އާކޮށްފައެވެ. މިލަނޑު ޗެކް ރިޕަބްލިކަށް ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކެވެ. މިމުބާރާތުގައި މިހާރު ޝިކް 5 ގޯލް ޖަހާފައިވާއިރު، މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ 5 ލަނޑު ޖަހާފައެވެ. މިލަނޑަށްފަހު ވެސް ޗެކް ރިޕަބްލިކަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޗެކް ރިބަލްލިކަށް މެޗްގައި އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޑެންމާކް ޖާގަ ހޯދުމާއެކު އެޓީމު ވަނީ ތާރީހުގެ ތެރެއިންވެސް ޖާގަ ހޯދާފައެވެ. އެއީ އެޓީމު އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ސެމީފައިނަލްގައި ކުޅެފައިވަނީ 1992ވަނަ އަހަރުގައެވެ. 2008ވަނަ އަހަރުގެ ޔޫރޯއަށް ޑެންމާކް ކޮލިފައިވެފައިނުވާއިރު، 2012ވަނަ އަހަރުގެ ޔޫރޯއިން އެޓީމް ކެޓީ ގުރޫޕް ސެޓޭޖުންނެވެ.