ކުޅިވަރު

ފިނާއިން ނަންތައް ބަދަލްކޮށް ސާޖިނާ އާއި މުބާލް އޮލިމްޕިކްސް އަށް


ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރާނެ ދެ ފެތުންތެރިން ގައުމީ ސްވިމިން އެސޯސިއޭޝަނުން އިޢުލާންކޮށް، އެފެތުންތެރިން ތަމްރީން ކުރަމުން ދަނިކޮށް ސްވިމިންގެ މައި ޖަމިއްޔާއިން އެފުރުސަތު އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހިމަށް ދީފިއެވެ.

މިމަހުގެ 23ވަނަ ދުވަހު ޖާޕާންގެ ޓޯކިޔޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ރާއްޖެއިން ސްވިމިންގައި ވާދަކުރާނެކަމަށް ކުރިން އިޢުލާންކޮށްފައި ވަނީ އައިޝަތު ޝައުސަން އާއި ޢަލީ އިމްއާންއެވެ. ކުރިން އިޢުލާންކުރި ދެ ފެތުންތެރިންކަމަށްވާ އައިޝަތު ޝައުސަން އާއި ޢަލީ އިމްއާން އޮލިމްޕިކްސްއަށް ތައްޔާރުވުމަށް މިހާރުދަނީ ރާއްޖެއިން ބޭރުގައި ތަމްރީން ކުރަމުންނެވެ. އެންމެ ފަހު ވަގުތު ސްވިމިންގެ މައި ޖަމިއްޔާ (ފީނާ)އިން ނަންތައް ބަދަލް ކުރުމާއި ގުޅިގެން ސްވިމިންގެ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން އޮލިމްޕިކްސްގައި ތަމްސީލު ކުރާނެ ދެ ފެތުންތެރިން ހޮވުމަށް އޭޕްރީލް މަހުގެ 14ވަނަ ދުވަހު އެންގިކަމަށާއި އެއެންގުމާއި އެއްގޮތަށް ޓްރައެލްއެއް ކުރިއަށް ގެންދިއުމަށްފަހު ފެތުންތެރިން ހޮވާފައިވަނީ ފީނާގެ މިންގަނޑުތަކާއި އެއް ގޮތަށްކަމަށެވެ. ޓްރަޔަލްގައި އެންމެ މަތިން ޕޮއިންޓު ލިބިފައިވަނީ ސައުޝަން އާއި އިމްއާންއަށެވެ. އޮލިމްޕިކްސް އިން ރާއްޖެ އަށް ފުރުސަތު ލިބުނީ އޮލިމްޕިކްސްއަށް ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ ދެ ސްލޮޓްގައެވެ.

ފިނާގެ އެންގުން ބަދަލްކޮށް ފަހުން ފިނާއިން މޯލްޑިވްސް ސްވިމިންގެ އެސޯސިއޭޝަން އަށް އަންގާފައިވަނީ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ފެތުންތެރިން ހޮވުމުގައި އަމަލުކުރާނީ ފީނާގެ ގަވާއިދުގައި އޮންނަގޮތުން އެ ފެޑެރޭޝަންގެ ރޭންކިން އަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންނަށް ފުރުސަތު ދޭގޮތަށް ކަމަށެވެ. މިހާ ވަގުތު ކުޑަތަންވެފައިވަނިކޮށް ފީނާއިން މިގޮތައް ޢަމަލުކުރުމުން ސްވިމިން އެސޯސިއޭޝަނުން ވަނީ އޭޕްރީލް މަހުގެ 14ވަނަ ދުވަހު އެސޯސިއޭޝަނުން އަމަލު ކޮށްފައި ވަނީ ފީނާއިން އަންގާފައިވާ އެންގުމާއި އެއްގޮތަށްކަމަށް އެޖަމިއްޔާއަށް އަންގާފައެވެ. އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިއުލާނުކޮށް އެ ފެތުންތެރިން ވާދަކުރާ އިވެންޓްތަކުން ތަމްރީނު ހަދަމުން ދަނިކޮށް ފެތުންތެރިން ބަދަލުކުރުމަކީ ފެތުންތެރިންނާއި ކޯޗުންނާއި އާއިލާތަކުން އަދި އެސޯސިއޭޝަންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމަށް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފިނާއިން މިހާރު ނަންތައް ބަދަލު ކުރުމާއެކު ޓޯކިޔޯ އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގައެވެ. އަދި ސާޖިނާ ވާދަކުރާނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައެވެ. މިއީވެސް ފީނާ އިން ކަނޑައެޅި އިވެންޓްތަކެކެވެ.