އޭޝިއަން ޖޫނިއަރ ޗެންޕިއަންޝިޕް ކެންސަލްކޮށް ވޯލްޑް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕް ބާއްވާ ތާރީޚަށް ބަދަލް ގެނަމުމާއެކު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މިއަންނަ އަހަރަށް ފަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް ޢަލީ ރަޝީދު(އައްޔަ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައިނަލަގްވާމީ ދެ މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓް މަހުގައެވެ. ސައުތު އޭޝިޔާގެ ކޯވިޑް-19ގެ ހާލަތާއި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އޭޝިޔާގެ ގިނަ ގައުމްތަކަށް މިދިޔަ މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލުމާއި ގުޅިގެން އޯގަސްޓް މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ސައުތް އޭޝިއަން ފެޑެރޭޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރ 26 އިން 28އަށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
އޭޝިއަން ޖޫނިއަރ ޗެންޕިއަންޝިޕް ކުރިން ބާއްވަން އޮތީ ނޮވެންބަރު މަސް ތެރޭގައެވެ. އަދި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ ޗެންޕިއަންއާއި ރަނަރަޕް އޭޝިއަން ޖޫނިއަރ ޗެންޕިއަންޝިޕް މުބާރާތަށް ކޮލިފައިވާން އޮތުމާއި ގުޅިގެން އޭޝިއަން ޖޫނިއަރ ޗެންޕިއަންޝިޕްގެ ކުރިން ރާއްޖޭގައި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތް ބާއްވަން ޖެހޭކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. އަދި އޭޓީޓީޔޫއިން އޭޝިއަން ޖޫނިއަރ ޗެންޕިއަންޝިޕް ކެންސަލް ކުރުމާއި ގުޅިގެން ދެން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބޭނުން ވަނީ ރަނގަޅަށް ތައްޔާރުވެގެން މިމުބާރާތް މިއަންނަ އަހަރުގައި ބޭއްވުންކަމަށް ވެސް ޢަލީ ރަޝީދު ވިދާޅުވިއެވެ. އަދި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޗެންޕިއަންޝިޕުން ބައެއް ކުދިން އަންނަ އަހަރުގައި އޮންނަ ވޯލްޑް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕަށް ކޮލިފައިވާނެއެވެ. ޢަލީ ރަޝީދު ވިދާޅުވީ އޭޝިއަން ޗެންޕިއަންޝިޕް މުބާރާތް ވެސް ލަސްކުރުމާއި ގުޅިގެން މިހާރު ރާއްޖެއިން ބޭނުން ވަނީ މިއަންނަ އަހަރުގައި މުބާރާތް ބޭއްވުމަށެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އިން ވިދާޅުވީ ރާއްޖޭގައި ބާއްވަން ނިންމި ދެ މުބާރާތް ވެސް މިއަންނަ އަހަރަށް ފަސްކުރަން ނިންމީ ދެ މަސްދުވަހަށް ވުރެއް ގިނަ ދުވަސްވަންދެން ކުޅުންތެރިން މޭޒުކައިރިގައި ތަމްރީނުކޮށް، މިފަދަ ބޮޑު މުބާރާތަކާއި ކުރިމަތިލުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެތީ އަދި ރާއްޖޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރަފާ ނާޒިމްގެ ޓެސްޓް ދުވަސްވަރަށް ވުމާއި ރަފާއަށް ވެސް މުބާރާތަށް އެންމެ ރަގަނޅަށް ތައްޔާރު ނުވެވޭނެކަމަށް ވެސް ޢަލީ ރަޝީދު ވިދާޅުވިއެވެ. އަދި މުބާރާތް ބޭއްވުމަށް ނިންމާފައިވާ ސޯޝަލް ސެންޓަރު މިހާރު ކޯވިޑް-19ގެ ކަންކަމަށް ބޭނުން ކުރަމުންދާތީ، ސޯޝަލް ސެންޓަރު ވެސް ލިބޭނެ ދުވަހެއް އަދި ބުނަން ނޭނގޭކަމަށް ރައީސް އަލީ ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ދެ މުބާރާތް ފަސް ކުރުމާއި ބެހޭގޮތުން ނުރަސްމީކޮށް މިހާރު ކޮމަންވެލްތު ފެޑެރޭޝަންގެ ޗެއާމަނާއި ވެސް ވާހަދައްކާފައިވާކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް ވިދާޅުވިއެވެ.