ކުޅިވަރު

ކުޅިވަރު ކުޅޭ ތަންތަން ހުޅުވުމަށް ހުއްދަދީފި


މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ހާލަތު ގޯސްވެ ކޭސްތައް މައްޗަށް ދިއުމާއި ގުޅިގެން ކުޅިވަރު ކުޅޭތަންތަން ބައްދަކުރުމަށްފަހު، އަލުން އެތަންތަން ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.

މިދިޔަ މޭ މަހުގެ ތިންވަނަ ދުވަހު އެޗްޕީއޭއިން މާލެ ސަރައްހަދުގެ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައި ވަނީ މާލެ ސަރައްހަދުގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ. އަދި އަހަމައެކަނި ކުރިއަށް ގެންދެވޭނެކަމަށް އޭރު ނިންމާފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން ކުރިއަށް ގެންދެވޭ މުބާރާތްތައް އެކަނިކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަދައްކަމުން ރައީސް އޮފީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުޅިވަރުތަކަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަނާއި ކަސްރަތު ކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ދިންނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އަދި ހުއްދަ ދީފައިނުވާކަމަށެވެ. މިއާއެކު ޓީމްތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ލިބިފައެވެ. އަދި މީގެ ދެތިން ދުވަސް ކުރިން އެފްޕީއޭއިން ވަނީ އެކަނި ކުރެވޭ ކަސްރަތު ކުރުމަށް ހުއްދަ ދީފައެވެ.

އެޗްޕީއޭއިން ކުޅިވަރު މުބާރާތްތައް މެދުކަނޑާލަން އެންގުމާއެކު އެކި އެސޯސިއޭޝަންތަކުން ވަނީ ގިނަ މުބާރާތްތަކެއް ހުއްޓާލާފައެވެ. މިއާއެކު އެފްއޭއެމްއިން ވަނީ ލީގްގެ ކުރުކޮށްލުމަށްފަހު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓީޓީގެ ބައިނަލްއަގުވާމީ ދެ މުބާރާތް މިއަންނަ އަހަރަށް ފަސްކުރުމަށް އެސޯސިއޭޝަނުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.