ސީޓީގެ މާލީ ހާލަތު ހުރި ގޮތުން ފެންވަރު ރަނގަޅު ފޯވާޑެއް މިސީޒަންގައި ނުގަންނާނެކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. ސީޒަން ނިމުމާއެކު ސިޓީއިން އަންނަނީ ފެންވަރު ރަނގަޅު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސިޓީއިން ބައެއް ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވީނަމަވެސް ކޯވިޑް-19ގެ ސަބަބުން އެޓީމުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ސިޓީއިން މިހާރު ފޯވާޑެއް ނުގެންނާނެ ކަމަށް ވަނީ ބެލެވިފައެވެ. 10 އަހަރަށް ފަހު ސިޓީ ދޫކޮށްދިޔަ އެޓީމްގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ސާޖިއޯ އަގުއެރޯ ނެތްތަން ފޫބެއްދުމަށް ސިޓީ މަސައްކަތް ކުރަމުން އަންނައިރު، ކުރިން ބެލެވިފައިވާ ގޮތުން ސިޓީއިން މިސީޒަންގައި ގެންނާނެކަމަށް އެންމެ ބޮޑަށް ބެލެވިފައި ބޮރޫޝިއާ ޑޯޓްމަންޑުގެ އާލިން ބްރައުޓް ހާލަންޑް ނޫނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭންއެވެ. ސިޓީ ދޫކޮށް އެގުއެރޯ ބާސެލޯނާއަށް ބަދަލްވެފައިވާއިރު، ހާލަން އަދި ކޭން ގަންނަން ޓްރާސްފަރ ފީއެއްގެ ގޮތުގައި އެކަނިވެސް 170 މިލިއަން ޑޮލަރު ސިޓީއިން ހަރަދު ކުރަން ޖެހޭނެއެވެ.
އަރަބި މަހުޖަނުން ހިންގާ ކުލަބް މެންޗެސްޓަރ ސިޓީއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މިހާރު ޓްރާންސްފަރ މާކެޓުގައި ފޯވާޑުންގެ އަގުތައް ހުރި ގޮތުން ސިޓީއިން ފޯވާޑެއް ގެންނާނެކަމަށް ނުބެލެވޭކަމަށާއި ޓީމުގައި މިހާރު ތިބި ފޯވާޑުންނާއެކު ކުރިއަށްދާން ނިންމާފައިވާކަމަށެވެ. ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން އެޓީމް ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް އަންގާފައިވާއިރު ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް އެކުލަބް ދޫކޮށްދާން ބޭނުންވާކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.