ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސާޖިއޯ ރާމޯސް ޕްރާންސްގެ ޕެރިސް ސެއިންޓް ޖަރމެއިންއަށް (ޕީއެސްޖީ)އަށް ސޮއިކޮށްފިއެވެ.
ސޯޅަ އަހަރަށްފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމު ދޫކޮށް ޕީއެސްޖީއަށް ބަދަލްވެފައިވަނީ ފްރީ ޓްރާންސްފަރ އެއްގެ ގޮތުގައެވެ.
ނިމިގެން މިދިޔަ ޖޫން މަސް ނިމުމާއެކު ރިއާލް މެޑްރިޑާއެކު ސާޖިއޯ ރާމޯސް ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. ރާމޯސް ޕީއެސްޖީއަށް ބަދަލުވެފައިވާއިރު އިނގިރޭސި ޕްރިމިއަރ ލީގްގެ ދެ ކުލަބަކުން ހުށައަޅާފައިވާ ދެ ހުށައެޅުމެއްވަނީ ގަބޫލް ނުކޮށް ދޫކޮށްލާފައެވެ. މީގެ ތެރެއިން ޕްރިމިއަރ ލީގްގެ އެއް ކުލަބުން ބޮޑު މުސާރައެއްވެސް ރާމޯސްއަށް ހުށައަޅާފައިވެއެވެ.
ތަޖްރިބާކާރު ޑިފެންޓަރު ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ބަދަލްވުމަށްފަހު ބުނީ މިއީ ފުޓްބޯޅައިގެ ހަޔާތުގައި އައި ވަރަށް ބޮޑު ބަދަލެއްކަމަށާ، މިފަދަ ބޮޑު ޓީމަކާ ގުޅުމުން ވަރަށް އުފާވާކަމަށެވެ. މިދުވަސްމަތިން ދުވަހަކުވެސް ހަދާންނައްތާ ނުލެވޭނެކަމަށެވެ.
ޕީއެސްޖީންވަނީ މިހާރުވެސް އެކުލަބްއަކީ ބޮޑު ކުލަބްއެއްކަން ސާބިތުކޮށްދީފަކަމަށާ، ޕީއެސްޖީއާއެކު ހޭދަކުރާ މިދެ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަމަށްވެސް ރާމޯސް ބުނެފިއެވެ.
މިހާރު އުމުރުން 35 އަހަރުގެ ރާމޯސް 2005ވަނަ އަހަރު ސެވިއްޔާއިން ރިއާލް މެޑްރިޑަށް ބަދަލްވެފައިވަނީ 27 މިލިއަން ފައުންޑަށެވެ. ރިއާލާއެކު ހޭދަކުރި 16 އަހަރުގެ ތެރޭގައި ރާމޯސް ވަނީ 5 ލީގް ތަށި، 2 ސްޕެނިޝް ކަޕް، 4 ޗެންޕިއަންސް ލީގް އަދި 4 ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
ރިއާލްގެ އެންމެ ކާމިޔާބު އެއް ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ އެކްލަަބަށް 101 ގޯލް ޖަހައިދީފައެވެ. ހުސްއަތާ މިއަހަރުގެ ސީޒަން ރިއަލް މެޑްރިޑް ނިންލާފައިވާއިރު އެޓީމުގެ އެންމެ ކާމިޔާބު އެއް ކޯޗް ޒައިނުއްދީން ޒިދާންވެސް ވަނީ ރިއާލް ދޫކޮށް ގޮސްފައެވެ. ރިއާލްގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ އެވަޓަންގެ ކުރީގެ ކޯޗް ކާލޯ އެންޗޮލޮޓީއެވެ. އެންޗޮލޮޓީ ވަނީ މީގެ ކުރިންވެސް ރިއާލަށް ކޯޗް ކޮށްދީފައެވެ.
.
ފޯވާޑުން އެންމެ ބިރު ގަންނަ އެއް ޑިފެންޑަރުކަމަށްވާ ސާޖިއޯ ރާމޯސްއަކީ ވަރަށް ޖެހިލުން ކުޑަ ކުޅުންތެރިއެކެވެ. ރާމޯސް ވަނީ އޭނާގެ ގައުމް ސްޕެއިންއާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވަނީ ކާމިޔާބުކޮށްފައެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ރާމޯސްއަށް ޖާގަ ގެއްލުނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.