ރާއްޖެއިން އިތުރު 55 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 119 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 55 މީހުންނެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 20 މީހުންގެ އިތުރުން ރިޒޯޓްތަކުން ޕޮޒިޓިވްވި 10 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 74،903 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް ވަނީ މަދުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2،801 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 26 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 119 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 71،877 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4،580 ސާމްޕަލެއް ވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ ނިޔާވެފައެވެ.