އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިން މެޗްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އިންޓަރނޭޝަނަލް ވޮލީ ރެފްރީ އަހްމަދު ސަލީމް (ކުނޑި) އާއި ހަސަން ޝިމާދުއަށް ލިބިއްޖެއެވެ.
މިދެރެފްރީންވަނީ މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ބޭއްވި ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކޮށްފައެވެ. މިފަހަރު އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނީ ސްރީލަންކާ އާއި އުޒްބަކިސްތާން ކުޅޭ މެޗުގައެވެ. މިއީ އޭވީސީގެ ފަރާތުން ލިބުނު ފުރުސަތެކެވެ.
ރާއްޖޭގެ އިންޓަރނޭޝަނަލް ދެ ރެފްރީންނަށް މިފުރުސަތު ލިބުމާއެކު މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝްވަނީ ރެފްރީ އަހްމަދު ސަލީމް (ކުނޑި) އާއި ހަސަން ޝިމާދުއާއި ބައްދަލުކޮށްފައެވެ. މިމެޗްގައި ރެފްރީކަން ކުރުމަށް މިދެ ރެފްރީން މިއަންނަ އަންގާރަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ މި ދެރެފްރީން ސްރީލަންކާއަށް ފުރުމަށް ހަމަޖެހިފައިވާއިރު، ކޯވިޑް-19ގެ ހާލަތުގައި ސްރީލަންކާއަށް ދަތުރު ކުރާ ފަރާތްތަކަށް އެޤައުމުންވަނީ ލުއި ދީފައެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު 48 ގަޑިއިރު ނުވާ ކޯވިޑްގެ ނެގެޓިވް ނަތީޖާއާއެކު ލަންކާއަށް ދަތުރު ކުރެވޭނެއެވެ.
2006ވަނަ އަހަރު އިންޓަރނޭޝަނަލް މެޗްތައް އިންސާފް ކުރަން ފެށި ހަސަން ޝިމާދު ވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ގިނަ މެޗްތަކެއްގައި ރެފްރީކަން ކޮށްފައެވެ. ޝިމާދުވަނީ އޭޝިއަން ޗެމްޕިއަންޝިޕާއި، 21 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕާއި، ޔޫތު ޗެމްޕިއަންޝިޕްގައިވެސް ރެފްރީކަން ކޮށްފައެވެ.
އަހްމަދު ސަލީމް (ކުނޑި)އަކީ ރާއްޖޭގެ އެންމެ ތަޖްރިބާކާރު އެއް ރެފްރީއެވެ. 2007ވަނަ އަހަރު އިންޓަރނޭޝަނަލް ރެފްރީންގެ ބެޖް ހޯދި ކުނޑި ސަލީމްވަނީ ގިނަ މެޗްތަކެއްގައި ރެފްރީކަން ކޮށްފައެވެ. އެންމެ ފުރަތަމަ ސަލީމް އިންޓަރނޭޝަނަލް މެޗެއްގައި ރެފްރީކަން ކޮށްފައިވަނީ 2008 ވަނަ އަހަރު ބޭއްވި އޭޝިއަން ޔޫތު ބޯއިސް ޗެމްޕިއަންޝިޕްގައެވެ. އޭގެ ފަހުން އޭޝިއަން ސެންޓްރަލް ޒޯން މެންސް ސީނިއަރ ޗެމްޕިއަންޝިޕް މުބާރާތާއި ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މުހިންމު މެޗްތަކުގައި އަހްމަދު ސަލީމް (ކުނޑި)ވަނީ ރެފްރީކަންކޮށްފައެވެ.