ޚަބަރު

ނަބާ ލައްވާލީ އޮލިންޕިކްސްގެ ވަރުގަދަ ގުރޫޕަކަށް


ޓޮކްޔޯ އޮލިންޕިކްސްގައި ރާއްޖޭގެ ބެޑުމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.

ރާއްޖޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ނަބާ ހިމެނޭ ގުރޫޕުގައި ތިބީ ސިންގަލްސް ކެޓަގަރީން ދުނިޔޭގެ 9ވަނަ ކުޅުންތެރިޔާކަމަށްވާ ޗައިނާގެ ހީ ބިންގްޖިއާއޯއާއި ދުނިޔޭގެ 111ވަނަ ކުޅުންތެރިޔާ އީރާނުގެ ސޮރާޔާ އަގޭއިއެވެ. ނަބާއަކީ ދުނިޔޭގެ 252ވަނަ ކުޅުންތެރިޔާއެވެ. ބެޑުމިންޓަންގެ ކޮންމެ ގްރޫޕަކުން އެއްވަނަ ކުޅުންތެރިޔާ އަނެއް ބުރަށް ދާނެއެވެ.

ނަބާއަކީ ރާއްޖޭގެ ތާރީހުގައި ބެޑުމިންޓަނުން އޮލިންޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާއެވެ. ނަބާ ބުނީ ވަރުގަދަ ގުރޫޕެއްގައި ލައްވާލުމުން މެޗުތައް ވަރަށް އުނދަގޫވާނެކަމަށާއި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ވަރަށް ހިތްވަރުކުރާނެކަމަށެވެ. ނަބާ ބުނީ ގުރޫޕުގައި ހިމެނޭ 2 ކުޅުންތެރިންގެ ތެރެއިން ޗައިނާގެ ހީއާ ދެކޮޅަށް ދުވަހަކުވެސް ނުކުޅުނު ނަމަވެސް ޕާކިސްތާނުގައި އޮތް މުބާރާތެއްގައި އީރާނުގެ އަގޭއިއާ ވާދަކޮށްފައިވާކަމަށެވެ. 2019ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި އަގޭއައިއާ ދެކޮޅަށް ކުޅެ ނަބާ ބަލިވީ 21-11، 21-11ންނެވެ.

ނަބާ ބުނީ މުބާރާތުގެ ދެވަނަ ބުރަށް ނުދެވުނު ނަމަވެސް ކޮންމެ މެޗެއްގައިވެސް ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނެކަމަށާއި އީރާނުގެ އަގޭއައި މި ފަހަރު ބަލިކުރުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށްވެސް ނަބާ ބުންޏެވެ.

2019ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން ނަބާވަނީ ދެ ރަން މެޑަލް ހޯދައިފައެވެ. ރާއްޖޭން އޮލިންޕިކްސްގައި ވާދަކުރި ހަމައެކަނި ކުޅުންތެރިޔަކީ 2012ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި މުހައްމަދު އަޖުފާނެވެ. އަޖުފާނާއި ނަބާއަށްވެސް އޮލިންޕިކްސުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓަކުންނެވެ.

ޖަޕާންގެ ޓޮކްޔޯ އޮލިންޕިކްސް ފަށާނީ މި މަހުގެ 23ވަނަ ދުވަހުއެވެ.