ޚަބަރު

މާލެ ސަރަހައްދުން 23 މީހުންނާއެކު، މިއަދު ޕޮޒިޓިވްވީ 90 މީހުން


ރާއްޖެއިން އިތުރު 90 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 241 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 90 މީހުންނެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 58 މީހުންގެ އިތުރުން ރިޒޯޓްތަކުން ޕޮޒިޓިވްވި 6 މީހަކާއި ތަރައްޤީ ކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 3 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 74،993 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް ވަނީ މަދުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2،650 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 21 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 241 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 72،118 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 7،012 ސާމްޕަލެއް ވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ ނިޔާވެފައެވެ.