ޚަބަރު

ރާއްޖޭގައި ހިންގާ ގުރާސް ރޫޓު ޕުރޮގްރާމު އޭއެފްސީން ބަލައިގެންފި


ދިވެހި ރާއްޖޭގައި ހިންގާ ގުރާސް ރޫޓު ޕުރޮގްރާމު އޭއެފްސީން ބަލައިގެންފިއެވެ.

ރާއްޖޭގައި ކުރިން އެކި ފަންތީގެ ގުރާސް ރޫޓު ޕުރޮގްރާމުތައް ހިންގި ނަމަވެސް ނިޒާމެއްގެ ތެރެއިން ގުރާސް ރޫޓު ޕުރޮގްރާމުތައް ހިންގަން ފަށާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. އަދި މިހާރުގެ އެފްއޭއެމުގެ ރައީސް ބައްސާމު އަދީލް ޖަލީލްވަނީ ވަރަށް ބޮޑަށް ގުރާސް ރޫޓަށް އިސްކަންދީގެން މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ޕުރޮގްރާމުތައް ހިންގާފައެވެ.

އޭއެފްސީންވަނީ ރާއްޖޭގައި ހިންގާ ގުރާސް ރޫޓު ޕުރޮގްރާމުތައް ބަލައިގަނެ ބުރޮންޒު ދަރަޖައިގައި ހިމަނައިފައެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ބުރޮންޒު ދަރަޖައިގައި ހިމަނާފައިވަނީ އިންޑިޔާއާއި ބަންގްލަދޭޝާއި ނޭޕާލާއި ބޫޓާނެވެ.

އެފްއޭއެމުގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ބުނީ ރާއްޖޭގެ ގުރާސް ރޫޓު ޕުރޮގްރާމު ބަލައިގަތުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އެއީ 2015ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެ ގޮތުން އެ ކަމުގެ ސަބަބުން ދިވެހި ފުޓުބޯޅައަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށާއި އޭއެފްސީގެ ޓެކްނިކަލް އެހީތެރިކަމުގެ އިތުރުން މީހުން ބިނާކުރުމަށްވެސް އެހީތެރިން މީގެ ފަހުން ލިބޭނެކަމަށް އޭނާވަނީ ބުނެފައެވެ. އަދި ގުރާސް ރޫޓު ކޯޗިން ޕުރޮގްރާމުތަކާއި ގުރާސް ރޫޓުގެ ޙަރަކާތްތަކުގައި އޭއެފްސީގެ ލޯގޯވެސް ރާއްޖެއަށް ބޭނުންކުރެވޭނެކަމަށް ޑުންގާ ބުންޏެވެ.

މާލޭގެ އިތުރުން 2001ވަނަ އަހަރުން ފެށިގެން އައްޑޫ ސީޓީގައިވެސް ގުރާސް ރޫޓު ޕުރޮގްރާމު ހިންގައެވެ. އަދި އެފްއޭއެމާއި ގުޅިގެން ކުޅުދުއްފުށި ސިޓީއާއި ގދ.ތިނަދޫއާއި ނ.މަނަދޫއާއި ކ.ހުރާއާއި ބ.އޭފަފުއްޓާއި ލ.ގަމާއި ގދ.ހޯޑެއްދޫއާއި އދ.މާމިގިލީގައިވެސް ގުރާސް ރޫޓު ޕުރޮގްރާމުތައް ހިންގައެވެ.